މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އިސްލާހު ކޮށްދެއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް މިރޭ އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ މަގާމުން ވަކި ކުރުމަށް 50 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ވަނީ ހުށައަޅާފައެވެ. އީވާ މަގާމުން ވަކިކުރަން ހުށަހެޅި ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މިއަދަށް ވަނީ ހަމަވެފަ އެވެ.

އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް މަޖިލީހުގެ އަމީން އާއްމަށް ފޮނުއްވި އެއް ސިޓީގައި ވިދާޅުވީ މަޖިލީހުގެ އާއްމު ކޮމެޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމު ހުސްވެފައި ވާތީ މަޖިލީހުގެ 132ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ކޮމެޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ކޮމެޓީ ބައްދަލުވުން ބޭއްވުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އަސްލަމް އަމީންއާންމަށް ފޮނުއްވި އިތުރު ސިޓީއެއްގައި ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މިމަހުގެ 6ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ހިނގަމުން ދަނިކޮށް، އެ އެޖެންޑާ އައިޓަމް ކުއްލިއަކަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަސްލަމްގެ ސިޓީގައި މަޖިލިސް ރައީސް އެކަން ކުރެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ މާދަމާގެ މަޖިލިސް ޖަލްސާއަށް ރިފްއަތުގެ މައްސަލަ ވެސް އެޖެންޑާ ކޮށްދެއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު