އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ތިއްބެވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންދާގޮތަކަށް ނޫންކަމަށާއި، މައްސަލަތައް އެޖެންޑާނުކުރާ މައްސަލައިގައި ސުޕްރީމް ކޯޓަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރަށްވާނެކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ކޮމިޓީތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ.

އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ޤަވާއިދާއި އެއްގޮތަށް ކުރިއަށްގެންދަންޖެހޭކަމަށާއި އެމައްސަލަތައް މަޑުޖައްސާލެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި އެމައްސަލަތަކަށް ބަހުސްކުރާނެ ވަގުތު އާއްމު ކޮމިޓީން ކަނޑަނޭޅެންޔާ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންގޮސްވެސް ގޮތް ނިންމޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމ،ަވެސް އެކަންވެސް ނިންމޭނީ ޖަލްސާއަށް މައްސަލަ އެޖެންޑާކޮށްގެންކަމަށް އަސްލަމް ވިދާޅުވިއެވެ.

"މައްސަލަ ހުށަހެޅުމުން ދެން ކަންކަން ކުރަންޖެހޭ ގޮތް ވަނީ ވަރަށް ބޮޑަށް ޤަވާއިދުގައި ސާފުކޮށްދީފައި. އާއްމު ކޮމިޓީން ވަގުތު ކަނޑަނާޅާ އޮތުމަކީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވޭނެ ސަބަބެއް ނޫން. އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހުގެ އެޖެންޑާއިން ނެގި ގޮތާއި މެދު ސުވާލު އުފެދޭ. މިޙާރު ޖަލްސާއަށް ކަންކަން އެެޖެންޑާކުރަނީވެސް ސުވާލު އުފުދޭގޮތަށް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ނެތުމުން އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ މާދަމާ އެމްޑީޕީ ޕީޖީ ގްރޫޕުން ބައްދަލުކޮށް، މަޝްވަރާކުރުމަށްފަހުކަމަށެވެ. އަދި މާދަމާގެ ޖަލްސާއަށް މައްސަލަ ހުށަހެޅެންޖެހޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޖަލްސާތަކުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް ނީންނަވާނެކަމަށް ވިދާޅުވިޔަސް، މަޖިލީހުގެ ގަވާއިދުން ލާޒިމްކޮށްފައިވާ ކަންކަން އެމަނިކުފާނު އަދާކުރައްވަންޖެހޭނެކަމަށެވެ.

"އުސޫލެއްގެ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުނީމަ މަޖިލީހުގެ ރައީސަށް މިހާރު ނީނދެވޭނެ. ނަމަވެސް މަޤާމުގައި ހުންނަވާނަމަ ޤަވާއިދުގައި އަދާކުރުން ލާޒިމްވާ މަސްޢޫލިއްޔަތެއް ފުރިހަމަ ކުރަންޖެހޭނެ. މާދަމާގެ ޖަލްސާގެ ރިޔާސަތުގައި މާދަމާ އިންނަަވާނީ ކޮން ބޭފުޅެއްކަމެއް ނޭނގޭ. އަފީފު ރިޔާސަތުގައި އިންނަވާ އިންނެވުމާއި މެދު ސުވާލު އުފެދޭ، ޤާނޫނު މާނަކުރުމުގައި އުޅޭ ތަފާތުތަކެއް. އެއްވެސް ބޭފުޅެއް ނެތިއްޔާ މަޖިލީހުގެ އަމީންއާއްމު ދެން ގޮތެއް ނިންމާނީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުުމުގެ އެއްވެސް ވިސްނުމެއް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ނެތްކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި ބާއްވާނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްވެސް ޕީޖީ ގްރޫޕުން ފަސް ނުޖެހޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު