އިލްމީ ހަމަ ހިފަހައްޓާނަމަ، ދީނީ އިލްމުވެރިން ސިޔާސީ ވާހަކަދެއްކުން މަނައެއް ނުކުރެވޭނެކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދު ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވި ސަބަބެއް ހާމަ ނުކުރެއްވިނަމަވެސް، މިއީ ރިޔާސީ އިންތިހާބުގެ ޤަވާއިދުގައި އޮތް އެއްޗަކާއި ގުޅޭގޮތުން އިމްރާން ވިދާޅުވި ވާހަކައެއްކަމަށް ބެލެވެއެވެ.

އިއްޔެ އާއްމުކުރި ރިޔާސީ އިންތިހާބާއި ބެހޭ ޤަވާއިދުގައި ވަނީ އިންތިހާބުގެ ދުވަސްވަރު ދީނީ އެކި ދަރުސްތަކުގައާއި ދީީނީ އެކިއެކި މުނާސަބަތުތަކުގައި ނުދެއްކޭނެ ވާހަކަތައް ބަޔާންކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ޤަވާއިދުގައި ވާގޮތުން އެކިއެކި މުނާސަބަތުގައްޔާއ،ި ދީނީ ދަރުސްތަކުގައްޔާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުހޯދުމަށް ވާހަކަ ދައްކައިގެން ނުވާނެކަމަށެވެ. އަދި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ކުޑަކުރުމަށްވެސް ވާހަކައެއް ނުދެއްކޭނެކަމަށް އެ ޤަވާއިދުގައިވެއެވެ.



އިސްލާމްްދީން ކުރިއެރުވުމުގެ ނަމުގައި ރާއްޖޭގައި އުފައްދައިގެން އުޅޭ ސިޔާސީ ޕާޓީއެއްކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދު މިއަދު ވިދާޅުވީ ދީނީ އިލްމުވެރިން އިލްމީ ހަމަތައް ހިފަހައްޓާހާ ހިނދަކު ސިޔާސީ ވާހަކަ ދެއްކުން މަނާ ކުރެވޭނެ އެއްވެސް ހަމައެއް، ސަބަބެއް ނޯންނާނެކަމަށެވެ.

އިންތިހާބުގެ ދުވަސްވަރު ދީނީ އެކި ދަރުސްތަކުގައާއި ދީީނީ އެކިއެކި މުނާސަބަތުތަކުގައި ނުދެއްކޭނެ ވާހަކަތައް ބަޔާންކޮށް ޤަވާއިދު އެކުލަވާލާފައިވާއިރު، މީގެކުރީގެ އިންތިހާބުތަކާއި ދިމާކޮށް ދީނީ އިލްމުވެރިން ދައްކަވާފައިވާ ބައެއް ވާހަކަތައް ބޮޑެތި މައްސަލަތަކަށްވެސް ވެފައި އެބަހުއްޓެެވެ.



ކިޔުންތެރިންގެ ހިޔާލު