ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޝަކުވާ ހުށަހެޅުމަށް ގެޒެޓްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި ލިސްޓުގައި 2023 ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ މީހުންނާއެކު 282672 މީހުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާއިމީ ލިސްޓެއް އާއްމުކޮށްފައި މިވަނީ ވަގުތީ ލިސްޓެއް މިދިޔަ މަހު އާއްމުކުރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުންނެވެ.

ދާއިމީ ލިސްޓް މިއަދު އާއްމުކުރިއިރު، އަލަށް އިތުރުކޮށްފައިވަނީ އެއް ނަމެވެ. އެޑްރެހަށް ބަދަލު ގެނެވުނު 42 ނަމެއް، ނަން ބަދަލު ކުރެވުނު 1 ފަރާތް، ލިސްޓުން އުނިކުރެވުނު 84 ނަމެއް ހިމެނެއެވެ. އަދި އެކި ސަބަބުތަކާއިހުރެ 69 ޝަކުވާއެއް ބަލައި ނުގަންނަކަމަށްވެސް އިލެކްޝަންސްއިން ބުނެއެވެ.

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓްގައި، މިއަދު ޝާއިއުކޮށްފައިވާއިރު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާ މީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުންވެސް ކުރެއްވުން ވަރަށް މުހިންމުކަމެެއްކަމަށެވެ. އަދި 1414 އަށް ގުޅުއްވައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުއްވައިގެންވެސް ޗެކް ކޮށްލެވޭނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.



ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އީސީގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިންވެސް ބެލޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު