ކ-ވ:މަޖިލީހުގެ ކައުންސެލަރ ޖެނެރަލް އާއި މަޖިލީހުގެ އަމީން އާންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކ-ވ:މަޖިލީހުގެ ކައުންސެލަރ ޖެނެރަލް އާއި މަޖިލީހުގެ އަމީން އާންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކ،ީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާ އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބޭ ދީމިޤްރާޠީ އުސޫލުތައް އެކުލެވޭ ޖަވާބުދާރީވާ، ހާމަކަންބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ އުސޫލުތައް އެކުލެވޭ ގަވާއިދެއް ކަމަށެވެ.

އަދި މަޖިލީހުގެ ގަވާއިދަށް ރިޢާޔަތްކުރާއިރު ފާހަގަވާ އެއް ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމާއި ކައުންސެލް ޖެނެރަލަށް ދީފައިވާ މުސްތަޤިއްލުކަން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ "ޤަދަރާއި ޝަރަފް" އަމީން ޢާންމު ހިފަހައްޓަންޖެހޭ، އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ޚާއްޞަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެތެރޭގައި މަޖިލީހުގެ ރައީސެއް ނުހުންނަ ހާލަތް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިވަގުތަކ،ީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރަކާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ވަގުތެއް ކަމަށާއި އެފަދަ މައްސަލައެއް ލިބުމުން ކަންކަން ހިންގަންޖެހޭނެ އިޖުރާތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ނަޝީދު ނެރުއްވި ބަޔާނުގައި ވަނީ ފާހަގަކުރަށްވާފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ އެގޮތްތައް ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ މެންބަރުންނަށް ބުނެދިނުމުގައި "ޤާނޫނީ ލަފައާއި ޤާނޫނީ އެހީތެރިކަން" ފޯރުކޮށްދެވެން އޮތ،ީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ޤާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި މަޖިލީހުގެ ބައެއް މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތް ނަމަވެސް، ޤާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަދި މަޖިލީހުގެ އެންމެ މެންބަރުންގެވެސް ވާޖިބެއް ކަމަށެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމާއި އެހެނިހެން އޮފިޝަލުންގެ ޤަދަރާއި ޢިއްޒަތައް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެ." ނަޝީދު ނެރުއްވި ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ގިނަ ކޮމިޓީތަކެއް ހުއްޓި މަޖިލިސް މަރުތަޅު އެޅިފައިވާއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަން މަޖިލީހުގެ އަމީން އާންމަށް އަންގަވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު