ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ޢ.ޢ.ވ) އަރުވާފައިވާ، އަލްމަރްޙޫމް ޢަބްދުﷲ ޖަމީލު، ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފިއެވެ.

އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދު ޢަޞްރު ނަމާދަށް ފަހުގައި، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލު ފަސްދާނުލެވުނީ، ގަލޮޅު ސަހަރާގައެވެ. ޢަބްދުﷲ ޖަމީލުގެ ސަންދޯއް ގަލޮޅު ސަހަރާއަށް ގެންދެވުމާއެކު، ސަންދޯއް މަތީގައިވާ ދިދަ ފަތްޖެހުމަށްފަހު، އެ ދިދަ ޢަބްދުﷲ ޖަމީލުގެ ދަރިކަލުން މަޢުރޫފް ޖަމީލުގެ އަތްޕުޅަށް ބެއާރަރ ޕާޓީގެ ކޮމާންޑަރ އެރުވިއެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލުގެ ކަށުނަމާދުގައްޔާއި ޖަނާޒާގައި ޢާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލްގެ އިިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ގެ ލަޤަބް އަރުވާފައިވާ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މި ޖޫން މަހުގެ 12 ވާ ހޯމަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާފަންނު ދޫރެސްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު