މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތައް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ޤަވާއިދު އިއްޔެ ގެޒެޓްކޮށްފައެވެ. ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެކުލަވާލި ޤަވާއިދުގައި މީގެކުރީގެ ޤަވާއިދުތަކާއި ޙިލާފަށް ބައެއް ކަންކަން ވަނީ ފަސޭހަކޮށްފައެވެ.

މިފަހަރުގެ ގަވާއިދުގައި ރީ-ރަޖިސްޓްރޭޝަން މަރުހަލާ ވަނީ ކުރިއަށްވުރެ ފަސޭހަކޮށްފައެވެ. މީގެކުރިން ރިޔާސީ އިންތިހާބުގައި އޮންލައިންކޮށް ރީރަޖިސްޓްރޭޝަނަށް ހުށަނޭޅުނަސް، މިފަހަރު އޮންލައިންކޮށް އެކަން ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. ރީ-ރަޖިސްޓްރޭޝަންގެ އިތުރުން ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

އެގޮތުން އޮންލައިންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދެއްވުމާއި ފޯކަލް ޕޮއިންޓްތަކަށްވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދެއްވުމަށްވަނީ ނިންމަވާފައެވެ. ކުރިން ފޯކަލް ޕޮއިންޓްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހަމަޖެހިފައި ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އޮންލައިންކޮށް ރީ-ރަޖިސްޓްރީޝަން އަދި ޝަކުވާ ހުށަހަޅަން އޮންލައިން ޕޯޓަލް ނުވަތަ އެކަމަށް ހާއްސަ ނިޒާމެއް ޤާއިމްކުރައްވާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް އަންނަމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި އޯގަސްޓް މަހުގެ 5 ވަނަ ދުވަހާހަމައަށް އެ ފުރުސަަތު އޮންނާނެކަމަށްވެސް އިލެކްޝަންސްއިން ވިދާޅުވެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮންނަނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު