މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލަން މަޖިލީހުގެ ރިޔާސަތުގައި އެދިފައި ނޯންނާނެކަމަށާއި، މަޖިލީހުގައި އެދުނީ އެމްޑީޕީއަށް މެޖޯރިޓީ ގެއްލޭގޮތަށް ކޮމިޓީތައް އެކުލަވައި ނުލެއްވުމަށްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިހެން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާނުލެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ މައްސަލައިގައި އަސްލަމް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝައަށް ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބާއި ގުޅިގެނެވެ.

މަޖިލީހުގެ އަމީން އާއްމު ފޮނުއްވި ސިޓީގައި ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލެވި އޮތީ އެމަސައްކަތް މަޑުޖައްސާލަން އަސްލަމް އެދިވަޑައިގެންނެވުމުން ކަމަށެވެ.

މަޖިލީހުގެ އަމީންއާއްމުގެ ސިޓީފުއަށް އަސްލަމް މިރޭ ފޮނުއްވި ޖަވާބުގައި ވިދާޅުވީ ރަައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތްއިރު، އެފަދައިން ޢަމަލުނުކުރައްވާ ކަމަށެވެ. އަދި މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އޭނާއަށް އެކަމުގައި ބަސްބުނުމުގެ ފުރުޞަތުވެސް ނުދެއްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލަން އެދިފައި ނޯންނާނެކަމަށާއި، މަޖިލީހުގައި އެދިފައި އޮންނާނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެކުލަވާލާ ކޮމިޓީތަކުގައި އެމްޑީޕީގެ މެޖޯރިޓީ ނޯންނަ ގޮތަށް ކޮމިޓީތައް އެކުލަވާނުލުމަށް ކަމަށެވެ. އަދި އެއީ މަޖިލިސް ހުއްޓާލާފައި ބާއްވަން ދައްކަންޖެހޭ އުޒުރެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ނިސްބަތްވާ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, އެމް.ޑީ.ޕީގެ %64 މެޖޯރިޓީ މަޖިލީހުގައި އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމް.ޑީ.ޕީ.އަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އަޅުގަނޑު 23 މެއި 2023 ވަނަ ދުވަހު ދަންނަވާފައިވާނެ. އަދި، އަޅުގަނޑުގެ އެނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގައި ދަންނަވަމެވެ. އެހެން ނަމަވެސް، އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުންކުރައްވާ އުޒުރުކަމަށް މަތީގައި ޙަވާލާދީފައިވާ ސިޓީގައި ވިދާޅުވެފައިވާތީ ހިތާމަކުރަމެވެ. އަދި 23 މެއިގެ ފަހުން ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް ކޮމިޓީތަައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަ ކުރަމެވެ." އަސްލަމްގެ ޖަވާބުގައި ވިދާޅުވެފައު ވެއެެވެ.



އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް އަލަށް އެކުލަވާލުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ. އަދި އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮޓީތައް އަބަދުވެސް ދެމިއޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާއާއި 131 ވަނަ މާއްދާގައި ދާއިމީ ކޮމިޓީތަކުގައި ތިބޭ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީން އެމެންބަރުން ވަކިވުމުން އަމަލުކުރަންޖެހޭ ގޮތްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުވެއްޖެނަމަ ނުވަތަ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެމެންބަރަކު ވަކިވެއްޖެނަމަ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް އަންނަ ނުވަތަ ގެނެވޭ އެއްވެސް ހާލަތެއް އެދެމާއްދާގައި ބަޔާންކޮށްފައެއްނުވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މެދުނުކެޑޭނޭ ގޮތަށް މަސައްކަތްކުރަންޖެހޭ ކޮމިޓީތަކެއްކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 149 ވަނަ މާއްދާއިންވެސް ސާފުކޮށް އެނގެއެވެ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓޭނެ އެއްވެސް ހާލަތެއް ގަވާއިދުގައި ބަޔާންކޮށްފައި ނުވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުމަކަށް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ދަންނަކަމަކަށް ނުވާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއަށް އެކިފަހަރުމަތިން އައި ބަދަލުތަކާއި ގުޅިގެން މީގެ ކުރިން މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ކޮމިޓީތައް އެއްވެސް ފަހަރަކު ހުއްޓުވާލާފައިނުވާކަން ފާހަގަކުރަމެވެ. އަދި، އެއިރުއައި ބަދަލުތައް ހަމަޖެއްސުމުގެ މަރުހަލާ ހިނގަމުން ދިޔައިރު، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދިޔަކަންވެސް ފާހަގަކުރަމެވެ." އަސްލަމްގެ ސިޓީގައު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީތައް ހުއްޓިފައި ބާއްވާންޖެހޭ ހާލަތެއް ނެތުމުން ރައްއިޔިތިންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މަސައްކަތްތައް އެކޮމިޓީގައި މިވަގުތު ތިއްބެވި މެމްބަރުންނާއެކު ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބުދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުالله ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަށް ބަހުސްކުރާނެ ވަގުތު ކަނޑައަޅައި ދެއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން، އެގަރާރުގެ ލިޔުންލިބޭތާ މަދުވެގެން 3 ދުވަހުގެ ތެރޭގައި، އެގަރާރުގެ ނޯޓިސް އަމީން ޢާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ދިނުމަށްފަހު، އެނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެގަރާރު ހުށައަޅަން ވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވާކަމަށެވެ.

އެހެންކަމުން 12 ޖޫން 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމުކުރާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެމައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭ އެއްވެސް ހާލަތެއް ބަޔާކޮށްފައިނުވާތީ، ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްދެެއްވުމަށް މަޖިލީހުގެ އަމީން އާއްމަށް ފޮނުއްވި ސިޓީގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު