ދަ ޑިމޮކްރެޓްސް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރާ ބޭފުޅުންގެ ވިސްނުން ހުންނަ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔާ ކޮންމެ މީހަކީ ކޮރަޕްޓް މީހެއްކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު، މޯޑް ވިދާޅުވެއްޖެއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު މިހެން ވިދާޅުވެފައިވާއިރު، މީގެކުރިން އެހެން ބައެއް ސިޔާސީ ބޭފުޅުންވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދަށް ކުޑަކޮށްވެސް ފާޑުކިޔާލާ ނުވަތަ ޚިޔާލު ތަފާތުވާ މީހަކާއި ދެކޮޅަށް އެންޓި ކެމްޕެއިންތައް ހިންގުމާއި އެމީހަކާއި ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދައްކާކަން ވަރަށް ގިނަ ބޭފުޅުން ވަނީ މީގެކުރިންވެސް ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އޮތް މި ސަގާފަތް ބަދަލުވެ މިނިވަންކަމުގެ ޖޯޝެއް އުފެދިގެން އުޅޭއިރު، އެ ޕާޓީގެ ބާނީކަމަށް ދައުވާކުރައްވާ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށްވެސް ފާޅުގައި މެމްބަރުން ދަނީ ފާޑު ވިދާޅުވަމުންނެވެ. މިއީ މީގެކުރިން އެމްޑީޕީގެ ތެރެއިން ފެނުނު މަންޒަރުތަކެއް ނޫނެެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު ވިދާޅުވީ ރައީސް ނަޝީދަށް ސަނާ ނުކިޔާނަމަ އެމީހަކީ ވަކި ކަހަލަ މީހެއްގެ ގޮތުގައި ލޭބަލްކުރާކަމަށެވެ. އަދި ރައީސް ނަޝީދު ޤާނޫނާއި ހިލާފަށް ކުރައްވާ ކަންކަމާއި ދެކޮޅަށް އެއްޗެއް ވިދާޅުވާ ބޭފުޅުންނަކީ ކޮރަޕްޓް މީހުންގެ ގޮތުގައި ރައީސް ނަޝީދު އަރިހުގައި އުޅުއްވާ ބޭފުޅުން ސިފަކުރައްވާ ކަމަށްވެސް ޝަފީޤު ވިދާޅުވިއެވެ.

"ޤަވާއިދާއި ހިލާފަށް ކަމެއް ކޮށްފިޔޭ ބުނެ ފާޑު ކިޔައިފިއްޔާ އެމީހަކު އެވީ ޕްރޮޖެކްޓް ލިބުނު މީހަކަށް. ރަށް ލިބުނު މީހަކަށް. ވަޒީފާ ލިބުނު މީހަކަށް. މިއީ ކޮން ފާޑެއްގެ ޑިމޮކްރެޓްސްއެއް." މުހައްމަދު އަބްދުﷲ ޝަފީޤު ވިދާޅުވިއެވެ.



އެމްޑީޕީގެ ތެރޭގައި މީގެކުރިން ރައީސް ނަޝީދަށް ފާޑު ކިޔުމުން ފެންނަނީ އެ މީހަކު ޕާޓީން ބޭރުކޮށްލާ މަންޒަރެވެ. އެއީ ޕާޓީގެ ކިތަންމެ މަތީ މަޤާމެއްގައި ހުންނެވި ބޭފުޅެއް ނަމަވެސް އެކަން ހިނގާފައި އޮތީ އެމަގުންނެވެ.

ނަމަވެސް މިއަދު އެމްޑީޕީގެ ތެރޭގައި އޮތް މިސަގާފަތް ބަދަލުވެއްޖެ ކަމުގައި ގިބަ ބަޔަކު ގަބޫލުކުރެއެވެ. އަދި ރައީސް ނަޝީދުގެ ބާރު ޕާޓީން މުޅިންހެން ކެނޑިއްޖެ ކަމުގައި ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މީގެއިތުފުން ނަޝީދުގެ ދިފާއުގައި ތިއްބެވި ބައެއް މަޖިލިސް މެމްބަރުންނާއި ސިޔާސީ ބައެއް ބޭފުޅުން އެމްޑީޕީން ބޭރުކޮށްލާފައިވާއިރު، އެެހެން ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާދީފައެވެ.



ކިޔުންތެރިންގެ ހިޔާލު