މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ޤަވާއިދު އިލެކްޝަންސް ކޮމިޝަނުން މިއަދު ގެޒެޓްކޮށްފިއެވެ.

"ރިޔާސީ އިންތިޚާބުގެ ގަވާއިދު 2023" ނަމުގައި ގެޒެޓްކުރި މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ޓަކައ،ި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ހަދައި ހިންގާ ގަވާއިދެކެވެ.

މި ޤަވާއިދުގައިވާ ގޮތުން އިންތިޚާބުތައް ބާއްވައ،ި އެ އިންތިޚާބުތަކާބެހޭ ހުރިހާ ކަމެއް ހިންގައި ބަލަހައްޓާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

މި ޤަވާއިދުގައި ރިޔާސީ އިންތިޚާބާބެހޭ މަސައްކަތުގެ ހުރިހާ ކަންކަމެއް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ލަފާ ހޯދުމަށާއި މަޝްވަރާކުރުމަށް އުފައްދާ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ މަސައްކަތްތަކާއި ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިންގެ މަސްއޫލިއްޔަތާއި ޒިންމާ ހިމެނެއެވެ.

ޤަވާއިދުގައިވާ ގޮތުން ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިޢުލާނުކުރަންޖެހޭނެއެވެ. އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އިޢުލާނުގައ،ި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް މަދުވެގެން 10ދުވަހުގެ މުއްދަތު ދޭންޖެހޭނެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލައިފައިވާ މީހަކ،ު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިޢުލާނުކުރުމުގެ ކުރިނ،ް އެ މީހަކަށް އެ މީހެއްގެ ނަން އަނބުރާ ގެންދިޔުމުގެ އިޚްތިޔާރު ލިބޭނެއެވެ. އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން އެއްލައްކަ ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.

މި ގަވާއިދުގައިވާ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް ޓަކައ،ި މަދުވެގެން 30 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. މިކަންކަމުގެ އިތުރުންވެސް މިގަވާއިދުގައި ރިޔާސީ އިންތިހާބާއި ގުޅޭ ވަރަށް ގިނަ ކަންކަން ތަފްސީލްކޮށްދީފައިވެއެވެ.



ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ވަނީ މިހާރު އާއްމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ލިސްޓުގައި 282755 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ. ލިސްޓުގައިވާ ގޮތުން މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 282755 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެންމެފަހުން ބޭއްވި އިންތިހާބުގައި 262135 މީހަކު ވޯޓްލާފައިވެއެވެ. އެހެންކަމުން މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު