5 އަހަރު ދުވަހުގެ ތެރޭގައި 100 މިލިއަނަރުން އުފައްދައި، އިޤްތިޞާދީގޮތުން އިންޤިލާބީ ބަދަލުތަކެއް ރާއްޖެއަށް ގެނެސްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ފެށުމަށާއި، ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި ގާސިމް ވަނީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު އިންތިހާބުވެވަޑައިގެންފިނަމަ ދިވެހިންނަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުގެ ލިސްޓެއް މިރޭ އިއުލާންުކުރައްވާފައެވެ. އެ ލިސްޓުގައި އެކި ދާއިރާތަކުން އެމަނިކުފާނު ގެންނާނެ ކުރިއެރުންތައް ގާސިމް ހިއްސާކުރެއްވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މުޅިރާއްޖެ އިޤްތިޞާދީ 7 ސަރަޙައްދަކަށް ބަހާލާ، ފުރަތަމަ އިސްކަންދެއްވާނީ އެންމެ އުތުރާއި ދެކުނުގައި ސަރަޙައްދީ ތަރައްގީގެ ލާމެހިފައިވާ އިގްތިސާދީ ވަރުގަދަ ދެ މަންޒިލް ޤާއިމުކުރުމަށްކަމަށެވެ. އަދި ދަރަނި ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

"ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތްވުމަށް އާމްދަނީ އިތުރުކުރުމާއިއެކު، މާލީ ހެޔޮ މިސްރާބަކަށް ޤައުމު ގެންދާނަން." ގާސިމް ވިދާޅުވިއެވެ.



ގާސިމް ވިދާޅުވީ ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖީ.ޑީ.ޕީ 120 އިންސައްތައިން 90 އިންސައްތައަށް ތިރިކޮށް، ދައުލަތުގެ ޚަރަދު ޖީ.ޑީ.ޕީގެ 35 އިންސައްތައިގައި ހިފަހައްޓާ، ދައުލަތުގެ އާމްދަނީ ޖީ.ޑީ.ޕީގެ 30 އިންސައަތައަށް މަތިކުރާނެކަމަށެވެ. މީގެެެއިތުުރުން ގޭބިސީތަކަށް އިންޓަރނެޓަކީ އަސާސީ ޚިދުމަތަކަށް ހަދާ، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދަށްވެގެން 5 އެމް.ބީ.ޕީ.އެސްގެ އިންޓަނެޓް ލިބޭނެ ގޮތް ހައްދަވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދަވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް 5 އަހަރުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ ހޭދަކޮށް ޜާއްޖޭގެ އެކިހިސާބުގައި މަދުވެގެން 500 "ސްމޯލް ބިޒްނަސް ލީޑަރސް" އުފައްދާނަން. 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން."' ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފާއިތުވި 15 އަހަރު ވަންދެން އެކި ސަރުކާރުތަކުން ދިވެހިންނަށް ހުވަފެން ދައްކާ ހަޤީޤަތަކަށް ނުހެދިއޮތް ޓްރާންޝިޕްމަންޓް ޕޯރޓާއި ބަންކަރިން ފެސިލިޓީޒް މިފަހަރު ހަޤީޤަތަކަށް ހައްދަވާނެކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އަމިއްލަ ކްރެޑިޓް ކާޑެއް އުފައްދަވައި، އިންވެސްޓްމަންޓް ބޭންކު ތަޢާރަފް ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި އޮފްޝޯ ބޭންކުގެ ޚިދުމަތް ޤާއިމުކޮށް ޑިޖިޓަލް ކަރަންސީ ބޭނުންކުރެވޭނޭ ފުރުޞަތުވެސް އެމަނިކުފާނުގެ ވެރިކަމުގައި ހޯއްދަވައިދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ އާބާދީގެ ބޮލަކަށްޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީ.ޑީ.ޕީ ޕާރ ކެޕިޓާރ) 18000 އިން 27000 އަށް މަތިކޮށް، ނެޝަނަލް ޔޫޒަބަލް ރިޒާވް 250 މިލިޔަނުން 1 ބިލިޔަން ޑޮލަރަށް މަތިކުރައްވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު