ގައުމާއި ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށާއި އެމަނިކުފާނަށް ރައްޔިތުން ފުރުސަތު ދެއްވުމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު އިސްލާހީ ބޮޑު ބަދަލަކަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ގައުމާއި ރައްޔިތުންނަށް ހަމަ ނޭވާލުމުގެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ ދިވެހި ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީން އެހެން ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުންނަށް ތާއިދުކުރީ މޮޅު ގޮތް ހޯއްދެވުމަށް ކަމަށާއި ގައުމަށް މޮޅު ގޮތް ހޯއްދެވުމަށް ކަމަށެވެ. ގާސިމް ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކާއިއެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދަނީ ރައްޔިތުންގެ ހައްގުގައި ސިޔާސަތުތައް ރޭވުމާއި ތަންފީޒުކުރުމަށް އެއްބަސްވެގެން ކަމަށެވެ.

އެހެންނަމަވެސް ވެރިކަން ލިބުމުން ކަންކަން ބަދަލުވެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުން ގައުމުގައި އިންސާފާއި ހަމަޖެހުން ގެއްލިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



އަދި އެމަނިކުފާނު ވެރިކަމަށް ކުރިމަތިލައްވަނީ ދިވެހި ރައްޔިތުންނަށް އުފާވެރި ހިތްފަސޭހަ މާހާއުލެއް ހޯއްދެވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ސަރުކާރު ވެގެންދާނީ ތައުލީމާ ތަޖުރިބާ އާއި ގާބިލް ކަމުގައި މިއިން ޒަމާނަކު ނުދެކޭވަރުގެ ހަރުދަނާ ސަރުކާރަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ސިޔާސީ ފިކުރުގެ ކަސްތޮޅުން ނެއްޓި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި މަގުސަދުގެރޫހު ނަގަހައްޓާ ދަމަހައްޓާ ސަރުކާރަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރު ވާނީ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ސަރުކާރަކަށް،" ވޭތުވެ ދިޔަ ހުރިހާ ސަރުކާރެއް ވެރިކަމަށް ގެނައުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ ގާސިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ގާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެމަނިކުފާނު އިސްކަންދެއްވާނެ ކަންތައްތަކާއި، ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރަށްވާފައެވެ.

މިޖަލްސާގައި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ބޭނުންކުރާނެ "ރަސްމީ ސްލޯގަން" އާއި "ކެމްޕެއިން ލަވަ" ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައެވެ.

ޕާޓީގެ "ރަސްމީ ސްލޯގަން" އާއި "ކެމްޕެއިން ލަވަ" އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމެވެ.

ޕާޓީގެ "ރަސްމީ ސްލޯގަން"ގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހާސްކަނޑާލާ! ހަމަޖެހޭނެ! ކުރިއަށް ދިވެހި ގައުމު" މި ސްލޯގަން އެވެ.



ކިޔުންތެރިންގެ ހިޔާލު