ޑިމޮކްރަސީއަކީ ތާއީދު ނެތަސް މަޤާމުތަކުގައި ބަގުޑި ބެއްދުމަށްވެއްޖެކަމަށް ކުރީގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ ޑރ. އަހުމަދު ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް މަސައްކަތް ކުރަމުންދާއިރުވެސް އެކަމާއި ދެކޮޅަށް އެމަނިކުފާނު މަސައްކަތްކުރައްވަމުންދާތީ ގިނަ ބައެއްގެ ފާޑު ކިއުން ނަޝީދަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ޑރ.ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައު ޑިމޮކްރަސީގައި ފެންނަނީ ރައްޔިތުންގެ ތާއީދު ގެއްލުމުންވެސް ގޮތް ދޫނުކޮށް މަޤާމުތަކުގައި ދެމިތިބެން މަސައްކަތްކުރާ މަންޒަރުކަމަށެވެ.



މިއީ ކޮންކަމަކަށް އިޝާރާތްކުރައްވައި ފައިރޫޝް ދެއްކެވި ވާހަކައެއްކަމެއް ވިދާޅުނުވިނަވެސް، މި ދުވަސްވަރު މި ވާހަކަ އެންމެ ބޮޑަށް އަމާޒުވަނީ ރައީސް ނަޝީދަށްކަމަށް ބެލެވެއެވެ.

ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ބާނީކަމަށް ބައެއް ބޭފުޅުން ވިދާޅުވިނަމަވެސް، މަޖިލީހުގެ 3 ބައިކުޅަ ދެބަޔާއި ގާތްކުރާ އަދަދަކަށް މެމްބަރުން ނަޝީދުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވުމުންވެސް އެމައްސަލަ ކުރިއަށްގެންދިއުމަށް ހުރަސް އަޅަމުންދާކަމަށް މަޖިލިސް މެމްބަރުންނާއި ރައީސް ނަޝީދުގެ ޕާޓީގެ މެމްބަރުންވެސް ދަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު