ރައްޔިތުންެގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލިސް ހިންގަވަމުންދަނީ މިދިޔަ 17 ވަރަކަށް އަހަރު އެމްޑީޕީ ހިންގި ހުދުމުހުތާރު ގޮތަށްކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ރަސް އޮންލައިނަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މޮސްޓާ ވިދާޅުވީ ފެށުނީއްސުރެ ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ ހުދުމުހުތާރުކޮށްކަމަށެވެ.

މޮސްޓާ ވިދާޅުވީ މަޖިލީހުގެ ރައީސް ގަވާއިދާއި ހިލާފަށް ކަންކަން ކުރައްވާއިރު މަޖިލީހުގެ އަމީން އާއްމު އާއި ކައުންސެލް ޖެނެރަލް އެކަމާއި ދެކޮޅަށް ވާހަކަ ނުދައްކަވަނީ މަޖުބޫރީ ހާލަތެއްގައިކަމަށް ވެދާނެކަމަށެވެ.

މޮސްޓާ ވިދާޅުވީ އެމްޑީޕީގެ ރައީސް ނަޝީދު، މަޖިލިސް ހިންގަވަމުންދަނީ ގަވާއިދާއި ހިލާފަށް ހުދުމުހުތާރުކޮށްކަން އެމްޑީޕީ މެމްބަރުންވެސް މިހާރު ގަބޫލުކުރާކަމަށެވެ.

"މަޖިލިިސް ހިންގަނީ މަޖިލިސް ގަވާއިދު ބުނާގޮތަކަށް ނޫން. މަޖިލިސް ހިންގަނީ ވޭތުވެދިޔަ 17 ވަރަކަށް އަހަރު ކެނެރީގެ ނަޝީދު އެމްޑީޕީ ހިންގި ހުދުމުހުތާރު ގޮތަށް." މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ އޭނާއަކީ އެމްޑީޕީގެ ހަރުގެ ހިންގާ އުސޫލުން ރައީސް ނަޝީދު މަޖިލިސް ހިންގުމަށް އެއްވެސް އިރަކު ތާއީދުކުރެއްވި ބޭފުޅެއް ނޫންކަމަށެވެ. އަދި އެއީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި މައިގަނޑު ސަބަބުކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ނުކުރެއްވިނަމަ އޭނާއަކީ ކޮރަޕްޓް މީހެއްކަމަށް އަމިއްލަ ޒަމީރުވެސް ގަބޫލުކުރާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު