އެމްޑީޕީ ފުނޑާލަން އުޅޭ ބަޔަކަށް ދުވަހަކު ވެސް މާފު ނުކުރަށްވާނެ ކަމަަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ މެމްބަރުން ތަކެއް މިފަހުން ވަނީ އެ ޕާޓީން ވަކިވެ ދަ ޑިމޮކްރަޓްސް ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީ ކުރުުމުގެ މަސައްކަތް ފަށާފައެވެ.





އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަަލައެއް މަޖިލީހަށް ހުށައެޅުމާއެކު މަޖިލިސް ޖަލްސާތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވީ އެމްޑީޕީއަކީ އެތައް ހާސް ރައްޔިތުންގެ ފުރާނައާއި ވިންދާއި ލެޔާއި ގުޅިފައިވާ ޕާޓީއެއް ކަމަށެެވެ. އެހެންކަމުން އެމްޑީޕީ ފުނޑާލަން މަސައްކަތް ކުރާ ބަޔަކަށް "ދުވަހަކުވެސް މާފެއް ނެތް" ކަމަށް ނިހާދު ވިދާޅުވިއެވެ.

"ހާދަ އަނިޔާއެއް ލިބިގެންނޭ މި ހިސާބަށް މިއައީ، ރައީސް ނަޝީދަށްޓަކައި ކޮން ގުރުބާނީ އެއް ނުވަނީ، މިއަދު ގައުމާއި ރައްޔިތުންނަށްޓައި ގޮތް ދޫކުރަންޖެހޭ،" ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިހާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. މަޖިލިސް ނާއިބް ރައީސްގެ މައްސަލަ މަޖިލީހަށް ވެއްދުމުން އެވޯޓް ނުނަގާ މަޖިލިސް ކުރިއަށް ނުގެންގޮސް ހުއްޓުވާފައި ބޭއްވުމަކީ ވަރަށް ހުދުމުހުތާރު ސިފައެއް ކަމަަށް ނިހާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު