ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައި އޮތް މައްސަލައިގައި ހައްލު ހޯދަން ސްޕްރީމް ކޯޓަށް ދާންޖެހިއްޖެނަމަ އެކަން ކުރަށްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލިސް ޖަލްސާތައް ހުއްޓުވާފައިވާ މައްސަލައިގައި ހައްލު ހޯދަން މެމްބަރުންގެ ފަރާތުން ސްޕްރީމް ކޯޓަށް ދާންޖެހިއްޖެނަމަ އެކަން ކުރަށްވާނެ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އާންމު ކޮމެޓީ ބޭއްވިޔަ ނުދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީގެ މުގައްރިރާއި ނާއިބް މުގައްރިރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އާންމު ކޮމެޓީއަށް މުގައްރިރަކު ކަނޑައެޅުމަށް އާންމު ކޮމެޓީގެ ޖަލްސާއެއް ބޭއްވުމަކީ މަޖިލީހުގެ އަމީން އާންމުގެ މަަސްއޫލިއްޔަތެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބޭނުންގޮތަކަށް މާނަކުރައްވައިގެން އަމީން އާންމު މަޖިލީހުގެ ރައީސް ބޭނުންފުޅުވާ ގޮތަށް އަމަލުކުރައްވަން ޖާގަ ހުޅުއްވައި ދެއްވާތީ އެކަމާ މެދު ހިތާމަ ކުރަށްވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އަމީން އާންމަށް އެގޮތަކަށް އެކަމެއް ނުކުރެއްވޭނެ، އަޅުގަނޑުމެން ދާންޖެހިއްޖެއްޔާ މެމްބަރުންގެ ފަރާތުން ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިގެން ވެސް ކުރަންޖެހޭ ކަމެއް ކުރިއަށް ގެންދާނަން، އެއީ މަޖިލީހުގެ ކޮމެޓީތައް ހުއްޓުވާލުމުގެ ބާރެއް ރައީސަކަށް ނޯއްނާނެ. މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ކުރިއަށް ގެންދިޔުމުގެ ބާރެއް މަޖިލީހުގެ ރައީސަކަށް ނޯއްނާނެ." ރޮޒެއިނާ ވިދާޅުވިއެވެ.



މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވާފައިވާ ނޯޓިސްގެ މުއްދަތު ހަމަވެފައިވާތީ އެމައްސަލަ އެޖެންޑާނުކޮށް، މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، އެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިތުރު މަސައްކަތްތައް ނުކުރެވޭނެ ކަމަށާއި މަޖިލީހުގެ ގަވާއިދުތައް މާނަ ކުރަންޖެހެނީ މަޖިލިސް ބޭއްވޭފަދަ ގޮތަކަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެ ދުވަހަށް އެ މައްސަލަ އެޖެންޑާ ނުކުރާން މަޖިލީހުން ވަނީ ނިންމައިފައެވެ. އެހެން ނިންމާފައިވަނީ، މެންބަރުން ޕާޓީ ބަދަލު ކުރުމާ ގުޅިގެން އައި ބަދަލުތައް ކޮމިޓީތަކަށް ނުގެންނާތީ، އިތުބާރުނެތް މައްސަލައިގައި ބަހުސް ކުރާނެ މުއްދަތެއް އާންމު ކޮމިޓީން ނުނިންމާތީ ކަމަށް އަމީން އާންމު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު