ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯގެ ފަރާތުން މި ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާ ދުނިޔެ މަގޭ ސާފު ހުޅުމާލެ މެގާ ކްލީނިންގ އިވެންޓަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން އަރބަންކޯއިން ހާމަކޮށްފިއެވެ.

އަރބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ބާއްވާ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ސަރުކާރުގެ ގިނަ ކުންފުނިތަކާއި، މިނިސްޓްރީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެއާއި ހުޅުމާލޭގެ ސްކޫލްތަކާއި، ހުޅުމާލެ ހޮސްޕިޓަލުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ޗެނަލް ޕާކު ސަރަހައްދުންނެވެ.



ހާއްސަ ހަފްލާ އަކުން ފެށޭ މި ހަރަކާތުގެ ތެރެއިން މުޅި ހުޅުމާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން އެކި ގްރޫޕްތަކަށް ބެހި، ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ގްރޫޕަކަށް ވެސް ވަކި ސަރަހައްދެއް ކަނޑައަޅާއިރު، ފެނާއި، ކުނި އަޅާނެ އަދި ކުނި ކަހާނެ ސާމާނާއި، އަންގި ފަދަ ތަކެތި އެ ސަރަހައްދުތަކުން ލިބެން ހުންނަގޮތަށް ހަމަޖައްސާފައިވާނެކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯގެ ސާފުކުރުމުގެ އިވެންޓް ކުރިއަށްދާނީ ހެނދުނު 10:45 ވަންދެނެވެ. ހަރަކާތް ނިންމާލުން ހަމަޖެހިފައިވަނީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައެވެ.

އަރބަންކޯއިން ހާމަކޮށްފައިވާގޮތުން، މި އިވެންޓުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި ޑެންގޫ ފަދަ ބަލިތައް ފެތުރުމާއި، މަދިރި އާލާވުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް ބަލައި އެކަންކަން ހައްލުކުރުމުގެ މަގްސަދުގައެވެ. އަދި އާންމު ފަރުދުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސާފުކުރުމުގެ އިވެންޓެއް ކުރިއަށްގެންދާއިރު، މި އަހަރު ތެރެއަށް ބަހާލައިގެން އެހެން ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް އަރބަންކޯއިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު