ފީލްޑް އެޑްމިނިސްޓްރޭޝަން ދާއިރާއިން 2 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ރާއްޖޭގެ ސިވިލް ސާވަންޓުންގެ 24 ވަނަ ބެޗް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ތަމްރީނުތަކަކީ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ތަމްރީނެކެވެ.

މިހިނގާ ޖޫން މަހުގެ 10 އިން 23 އަށް އިންޑިއާއަށް ކުރާ މިދަތުރުގައި މިފަހަރުގެ ބެޗްގައި ހިމެނެނީ މާލޭގެ ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްފަދަ ރާއްޖޭގެ އެކި މުއައްސަސާތަކުން 40 ސިވިލް ސާވަންޓުންނެވެ. މި ބެޗާއެކު އެމްއޯޔޫގެ ދަށުން ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު 726 އަށް އަރައެވެ.

އެމް.އޯ.ޔޫގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ކަމަށް އިންޑިއާ ހަކޮމިޝަނުން މައުލޫމާތު ދެއެވެ. އެގޮތުން ސިވިލް ސަރވިސް ކޮމިޝަން އާއި އެންސީޖީޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައް އެކި ފަހަރު މަތިން ވަނީ މުރާޖާކުރެވިފައެވެ. އެންސީޖީޖީއިން ދަނީ އެމް.އޯ.ޔޫގެ ދަށުން 05 އަހަރުގެ ތެރޭގައި (2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް) 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރަމުން ކަމަށް ސަފީރުގެ އޮފީހުން ބުނެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެންސީޖީޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ދަތުރުގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑާ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސް، ސެންޓްރަލައިޒްޑް ޕަބްލިކް ގްރީވެންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ޕަބްލިކް ހެލްތު ބިހޭވިއާ ފަދަ މައުޟޫއުތަކާ ބެހޭ ގޮތުން ތަޖުރިބާކާރުންގެ މަޝްވަރާއި ބަހުސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުންވެސް އެމްއެސްއެމްއީ އެންޑް އެސްއެމްއީ، ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް، ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ، ސްކިލް ޑިވެލޮޕްމަންޓް، އިންޑިއާގައި ފަގީރުކަން ނައްތާލުން ފަދަ ތަފާތު މަޝްރޫޢުތަކާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު، އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް، ވިޖިލެންސް އެޑްމިނިސްޓްރޭޝަން، އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ، ޑީއިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސާވިސް ޑެލިވަރީ، ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަރނަންސް، ފިންޓެކް އެންޑް އިންކްލޫޝަން،ސްޓްރެސް މެނޭޖްމަންޓް، ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއާ ފަދަ މަޢުލޫތައް ވެސް މި ޕްރޮގްރާމުގައި ހިމެނިފައިވެއެވެ.

ސަފީރުގެ އޮފީހުން ބުނީ "އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނަރޝިޕަކީ ޙަޤީޤަތުގައި ވެސް ވަރަށް ފުޅާ ގުޅުމެކެވެ. ތަމްރީނާއި ޤާބިލްކަން އިތުރުކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމަކީ މި ގުޅުމުގެ މައިގަނޑު ތަނބެވެ. އަދި މިދާއިރާއިން ގުޅުން ދަނީ އިތުރަށް ކުރިއަރަމުންނެވެ."

2019 ވަނަ އަހަރުން ފެށިގެން، ކޮވިޑް19ގެ ގެ ގޮންޖެހުންތަކާއެކުވެސް، އެކި ދާއިރާތަކުން ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގގައި ބައިވެރިވުމަށް 2200 އަށް ވުރެ ގިނަ ދިވެހިން އިންޑިއާއަށް ދަތުރުކޮށްފައިވާ ކަމަށް އިންޑިއާ ސަފީރުގެ އޮފީހުން ބުނެފައި ވެއެވެ. އޭގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސް، ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތް، އެގްރިކަލްޗަރ، ޑިސެންޓް ރެލައިޒޭޝަން، އެންވަޔަރަންމަންޓް، ޔޫތު އެންޑް ސްޕޯޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.އޭގެ އިތުރުން 1600 އަށް ވުރެ ގިނަ ވާޗުއަލް ޓްރެއިނިންގ ސްލޮޓް ދިވެހިންނަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ސަފީރުގެ އޮފީހުން ބުނެފައި ވެއެވެ.

ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އަކީ އިންޑިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް ޕަރސަނަލް، ޕަބްލިކް ގްރިވެންސަސް އެންޑް ޕެންޝަންގެ ދަށުން ހިންގަމުން އަންނަ އަމިއްލަ އަދި އެންމެ މަތީ ފެންވަރުގެ މުއައްސަސާއެކެވެ.



ކިޔުންތެރިންގެ ހިޔާލު