އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ނިންމުމަކީ މުހިއްމުކަމެއްގެ ގޮތުގައި ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިފިއެވެ.

އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ-ޓްރޭޑް-އެގްރީމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.

ސަރުކާރުގެ ކަންކަމަށް މިހާރު ފާޑު ވިދާޅުވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއީ މުހިއްމު އެގްރިމަންޓެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި މި އެގްރިމަންޓްގެ ދަށުން ރާއްޖެއިން ޔޫކޭއަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލެވޭނެކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވަނީ އެއްބަސްވުން ގާއިމްކުރުމުގެ މަޝްވަރާތައް ފެށުމަށް އެހީތެރިވެދިން އިނގިރޭސި ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް މިކަމުގައި ދިވެހި ސަރުކާރުން ކުރި މަސައްކަތް ނަޝީދު ފާހަގަކުރައްވާފައެއް ނުވެއެވެ.

ދިވެހިރާއްޖެއަކީ މިވަގުތު ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއިކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މަރކެޓް އެކްސެސް ނުލިބޭ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.



ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ވިއްކޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ 4 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަގުނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު