ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މިހާރު ވަނީ ހުށައަޅާފައެވެ. ނާއިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރުމަށްފަހު މަޖިލީހުގެ އެޖެންޑާއިން އެ މައްސަލަ މިހާރު ވަނީ އުނިކޮށްފައެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މަޖިލިސް ނާއިބް ރައީސް އީވާ އަބުދު ﷲ ވިދާޅުވީ، މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ ކަމަށާއި އެކަން އެހެންވީ ސަރުކާރާއި ސަރުކާރު ހިންގާ އެމްޑީޕީގެ ސަބަބުން ކަމަށެވެ.

އީވާ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި އޮއްވާ އެހެން މަސައްކަތެއް ކުރަން މަޖިލީހުގެ ގަވާއިދު ޖާގަ ނުދޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ސަރުކާރު ގުޅިގެން މި މައްސަލަތައް އެކު އެކީގައި ހުށައަޅާފައިވަނީ ސަރުކާރުން ގަސްދުގައި މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ބޭނުމުގައި ކަމަށް އީވާ ތުހުމަތުކުރެއްވިއެވެ. އީވާ ވިދާޅުވީ ސަރުކާރުން މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރަސް އެޅުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަޤާމުން ވަކިކުރުމަށް ނިންމައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮއްވާ ދެބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށް ރިޔާސަތުގައި ނުއިންނެވޭނެ ކަމަށެވެ. އެނޫން ގޮތެއް ގާނޫނުގައިވެސް އަދި ގަވާއިދުގައި ވެސް ނެތް ކަމަށް އީވާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު