ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އަރުވަން ބާއްވާ ޖަލްސާގައި 4000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ލަފާކުރެވޭކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މާދަމާރޭ ބާއްވާ ޖަލްސާއާ ގުޅޭގޮތުން ނޫސްވެެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަދި ޖަލްސާގެ ކަންކަން އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ރިޔާޒް ރަޝީދު ވިދާޅުވީ މާދަމާރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ އިތުރުން، ރިޔާސީ އިންތިހާބުގެ ކެމްޕެއިންވެސް ލޯންޗުކުރާނެކަމަށެވެ.

ރިޔާޒް ވިދާޅުވީ މާދަމާރޭގެ ޖަލްސާއަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވެގެންދާނެކަމަށެވެ.

"މި ޖަލްސާގައި 4000 ވަރަކަށް މީޙުން ބައިވެރިވާނެކަމަށް ޤަބޫލުކުރެވޭ. އަދަދު އިތުރުވުމަކީވެސް އެކަށީގެންވާކަމެއް. މިއީ މިހާތަަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވެގެންދާނެ. މިހާތަނަށް ރިޔާސީ ޓިކެޓެއް އެރުވުމަށް ބާއްވާ އެންމެ ފުރިހަމަ ޖަލްސާއަށްވާނެ." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މި ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމުގެ މަސައްކަތް ނުކުރާކަމަށެވެ. ނަމަވެސް ރަށްރަށުގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވާނެކަމަށެވެ.

ރިޔާޒް ވިދާޅުވީ ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން ދުރާލާ ޖަލްސާއަށް ވަޑައިގަތުން މުހިއްމުކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ފަށަން ތައްޔާރުވަމުންދާއިރު، މިހާރުވެސް އެ ޕާޓީން ގެންދަނީ ޕާޓީ ވަރުގަދަކޮށް، މެމްބަރުން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު