މަހުގެ ޑިއުޓީ ކަނޑާލުން ހިމެނޭ ފްރީ ޓްރޭޑް އެއްބަސްވުމެއް ރާއްޖެއާއެކު ގާއިމު ކުރުމަށް އިނގިރޭސި ވިލާތުން ތައްޔާރީތައް ވާން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ދިވެހިރާއްޖެއާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ޢާންމުކޮށް އިޢުލާން ކުރުމުން އެކަމަށް މަރުހަބާ ކިޔާފައެވެ.

މި މަސައްކަތް ފެށުމަށްޓަކައި ދިވެހިރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމުޢިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ 4 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަގުނަ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

މި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ޤައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށް ވެސް ސަރުކާރުން ގަބޫލުކުރެއެވެ.

ދިވެހިރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މަރކެޓް އެކްސެސް ނުލިބޭ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު