ކުރިއަށް އޮތް ސީޒަނުގައި ކުޅެން ބޭނުންވީ ބާސެލޯނާއަށްކަމަށާއި ނަމަވެސް އޭނާ އަލުން ޓީމާއި ގުޅުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ބާސެލޯނާއަށް ގޮޮތްތަކެއް ނުހޯދުނުކަމަށް ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޯނެލް މެސީ ބުނެފިއެވެ.

އުމުރުން 13 އަހަރުން ފެށިގެން މުޅި ފުޓްބޯޅަ ހަޔާތް ބާސެލޯނާގައި ހޭދަކުރި މެސީ މިދިޔަ ދެ ސީޒަނުގައި ކުޅުނު ފްރާންސްގެ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އޭނާ ދެން ގުޅޭނެ ޓީމަކާއި މެދު އޮތީ ސުވާލު އުފެދިފައެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރިި އާޖެންޓީނާގެ ކެޕްޓަން މެސީއަށް ސައުދީ އަރަބިއްޔާގެ ކްލަބަކުން ރެކޯޑް އަދަދެއްގެ އަގެއް ހުށަހެޅިއިރު، ޔޫރަޕްގެ ކްލަބްތަކާއި ބޮޑެތި ލީގުތަކާއި އަގުބޮޑު ލީގްތަކުންވެސް މެސީއަށް އޮތީ ހުށަހެޅުންތައް ހުށަހަޅާފައެވެ.

ދުނިޔޭގެ ހުރިހާ ބޮޑެތި ލީގުތަކުން ހުށަހެޅުންތައް އައިސްފައިވަނިކޮށް މެސީ ނިންމީ ކުރިއަށްއޮތް ސީޒަނުގައި އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަރ ލީގު ސޮކަރގެ އިންޓަރ މަޔާމީއަށް ބަދަލުވާށެވެ. މޭޖަރ ލީގަކީ ކުޅުމުގެ ފެންވަރު ޔޫރަޕްގެ އެންމެ ވަރުގަދަ ލީގުތަކާއި އަޅާބަލާއިރު މޮޅު ނުވިޔަސް، އެއީ ކުރިއަރަމުން އަންނަ އަގުބޮޑު ލީގެކެވެ. އަދި މެސީ ގުޅުނު އިންޓަރ މަޔާމީއަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަލްގެ ހިއްސާ އޮންނަ ކްލަބެކެވެ.

އިންޓަރ މަޔާމީގެ ހުށަހެޅުން ޤަބޫލުކޮށް އެ ޓީމަށް ބަދަލުވާން ނިންމިކަން މެސީ އިއުލާންކުރީ ސްޕެއިންގެ މީޑިއާއަކަށް މިއަދު ދިން އިންޓަރވިއުއެއްގައެވެ.

ޕީއެސްޖީއާ ގުޅުމުގެ ކުރިން ބާސެލާނޯގައި 17 ސީޒަން ހޭދަކުރި މެސީ ބުނީ ކުރިއަށްއޮތް ސީޒަނަށް އެކި ކްލަބްތަކުން ހުށަހެޅުންތައް ލިބުނުކަމަށާއި، ނަމަވެސް އެއިން އެއްވެސް ހުށަހެޅުމަކާމެދު އޭނާ ވިސްނާފައި ނުވާކަމަށެވެ. އަދި އޭނާ ބޭނުންވީ ބާސެލޯނާއަށް އަލުން ކުޅެން ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަމުން ދިޔަކަމަށްވެސް މެސީ ބުންޏެވެ. ނަމަވެސް އެހެން ކްލަބަކާއި ގުޅެން ނިންމީ، އޭނާ އަލުން ބާސެލޯނާއަށް ބަދަލުވާން ކުރަންޖެހޭ ކަންކަން މިހާތަނަށް އައިއިރުވެސް ބާސެލޯނާއިން ފުރިހަމަކޮށްފައި ނެތުމުންކަމަށެވެ.

"ލަލީގާއިން ހުއްދަ ދިންކަމަށް ބުނާ ހަބަރުތަކެއްވެސް އުޅުނު،. ނަމަވެސް ހަޤީޤަތަކީ އަހަރެން އެނބުރި ބާސެލޯނާއަށް ބަދަލުވާން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރީ އެ ޓީމަށް ފުރިހަމަނުކުރެވި. އެކަން ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ބާސެލޯނާއިން ކުރިކަން ޔަގީނެއް ނޫން. ކްލަބަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި އަހަރެން އެނބުރި ބާސެލޯނާއަށް ދާން ބޭނުންވާ ބަޔަކު ކްލަބްގައި އުޅޭކަމާމެދު ޝައްކެއް ނެތް. އަހަރެން ބޭނުމެއް ނޫން ކްލަބުން ކުޅުންތެރިންތަކެއް ވިއްކާލަން ނޫނީ މުސާރަތަކެއް ކުޑަކުރަންޖެހޭ ސަބަބަކަށް އަހަރެން ވާކަށް" ސްޕެއިންގެ މީޑިއާއަކަށް ދިން ހާއްސަ އިންޓަވިއެއްގައި މެސީ ބުންޏެވެ.

މެސީ ބުނީ ބާސެލޯނާއިން ކުރަންޖެހޭ ކަންކަން ކޮޅެއްގައި ނުޖެހުމުން އޭނާ ބޭނުންވީ ފުުޓްބޯޅައިގެ ތަފާތު ތަޖުރިބާއެއްކޮށްލުމަށް، އެމެރިކާގެ ލީގަށް ބަދަލުވާންކަމަށެވެ. އަދި ބާސެލޯނާއަށް ބަދަލުނުވުމާއި، އެމެރިކާގެ ކްލަބަކަށް ބަދަލުވާން ނިންމި ނިންމުމަކީ އެއްވެސް ވަރަކަށް ފައިސާއާ ގުޅޭ ނިންމުންތަކެއް ނޫންކަމަށް މެސީ ބުންޏެވެ.

"ފައިސާއެއް ނޫން މައްސަލައަކަށްވީ. ބާސެލާއިން ޕްރޮޕޯސަލެއް ފޮނުވި، އެކަމަކު އެއީ ރަސްމީ އެއްޗެއް ނޫން. މުސާރައިގެ އެއްވެސް މަޝްވަރާއެއްވެސް ނުކުރަން. މިއީ ފައިސާއާ ބެހޭކަމެއް ނޫން. ފައިސާއަށް ބެލިނަމަ އަހަރެން ދާނީ ސައުދީ އަރަބިއްޔާއަށް" ފައިސާއަށްވުރެ ބާސެލޯނާއަށް ކުޅުން މުހިއްމުކަން ހާމަކުރަމުން މެސީ ބުންޏެވެ.

އެމެރިކާގެ ކްލަބަކަށް މެސީ ބަދަލުވާން ނިންމިއިރު، ސައުދީ އަރަބިއްޔާގެ ކްލަބަކުން އޮތީ އޭނާއަށް ދުވާލަކަށް މިލިއަން ޑޮލަރަށްވުރެ ބޮޑު މުސާރައެއް ލިބޭ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ.

ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުގެ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރައިގެ ބިލުތައް، ކްލަބަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ވަކި ވަރެއްގައި ހިފަހައްޓަންޖެހޭ އުސޫލެއް އޮންނައިރު، ބާސެލޯނާއަށް ދިމާވެފައިވާ ދަރަނި ބޮޑުވުުމުގެ މައްސަލަތަކުގެ ސަބަބުން ކުޅުންތެރިން ރަޖިސްޓްރީކުރުން އޮތީ ވަރަށް ދަތިވެފައެވެ.

މެސީ ބުނީ ބާސެލޯނާއަށް ބަދަލު ނުވެވުނަސް، އޭނާގެ ހިތުގައި ބާސެލޯނާއަށް އޮތް ލޯބި އެގޮތުގައި އޮންނާނެކަމަށާއި، އަދިވެސް ބާސެލޯނާއަށް އެނބުރި އައުމަކީ އޭނާ ބޭނުންވާކަމެއްކަމަށެވެ. މެސީ ބުނީ އޭނާ ދިރިއުޅެން ބޭނުންވަނީ ބާސެލޯނާގައިކަމަށާއި އަދި ބާސެލޯނާއަށް އެހީތެރިވުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު