ދެމެހެއްޓެނިވި ގޮތެއްގައި މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ކިރިބާސް ގުޅިގެން ރައުންޑްޓޭބަލް ޑިސްކަޝަންއެއް މިއަދު ބާއްވައިފިއެވެ.

މިބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖެއާއި ކިރިބާސްއާއި ކޮމަންވެލްތު ބްލޫ ޗާޓަރާ ގުޅިގެންނެވެ.

"ސަސްޓެއިނަބަލް ސޯސިން އިން ދަ ޓްރޭޑް އޮފް ފިޝް ޕްރޮޑަކްޓްސް: ކޮމަންވެލްތު ސިޑްސް ލީޑިންގ ދަ ވޭ" ނަމުގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ކޮމަންވެލްތުގައި ހިމެނޭ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށްގެން މަސްވެރިކަމުގެ ވިޔަފާރީގައި ދެމެހެއްޓެނިވި ގޮތެއްގައި މަސް ބާނާނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައެވެ.

މިބައްދަލުވުމުގައި ބައިވެރިންނަށް މަރުޙަބާ ދަންނަވައި މުޚާތަބުކުރައްވާފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ދަ ރައިޓް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލަންޑެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށާއި ކަމާބެހޭ މުހިއްމު ބައިވެރިންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށާއި މަސްވެރިކަމުގެ ދާއިރާގައި ޒިންމާދާރު އަދި ތިމާވެއްޓާ ރައްޓެހި އާދަތައް ކުރިއެރުވުމަށްޓަކައި މިބައްދަލުވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙްނާޒް ފައިޞަލްއެވެ. އެކަމަނާއާއެކު މިބައްދަލުވުމުގައި ކިރިބާސްގެ މިނިސްޓަރ އޮފް ޓޫރިޒަމް، ކޮމާސް އިންޑަސްޓްރީ އެންޑް ކޫޕަރޭޓިވްސް، ހިޒް އެކްސެލަންސީ އޮނަރަބަލް މިނިސްޓަރ ބޫޓީ ނައުއަން އާއި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބު، ރިޔާޒް މަންޞޫރާއި މެރީން ސްޓްވާޑްޝިޕް ކައުންސިލުގެ ހެޑް އޮފް ސައިންސް އެންޑް ސްޓޭންޑާޑްސް، ޑރ. ރޯހާން ކަރީ އާއި ކޮމަންވެލްތު ސެކްރިޓޭރިއޭޓްގެ އެޑްވައިޒަރ، އެގްރިކަލްޗަރ އެންޑް ފިޝަރީޒް ޓްރޭޑް ޕޮލިސީ، ޑރ. ބެންޖަމިން ކްވާސީ އައްޑޮމް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމުގައި ތަފާތު މައުޟޫތަކަށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަންނެލި މަސްވެރިކަމަށް އެކަށޭނެ މާޙައުލެއް ޤާއިމުކުރުމާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްވެރިކަމުގެ ސިނާޢަތްތައް ބަލައިގަތުމުގައާއި އެސިނާޢަތްތަކަށް ދެމެހެއްޓެނިވި މަސްވެރިކަން ކުރާކަމުގެ ސެޓްފިކެޓުތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާއި މަސްވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ގަނެވިއްކުމަށް ބާރުއެޅުމަށްޓަކައި ޑިޖިޓަލް ޑިވައިޑް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މިބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު