އެމްޑީޕީން ބޭނުން ވާނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ރިޔާސަތުން އަމަލު ކުރަށްވާގޮތާއި މެދު ހިތްހަމަނުޖެހިގެން މަޖިލިސް ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން މިހާތަނަށް 54 މެމްބަރުންގެ ސޮއި ހަމަވެފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެެމްބަރުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ގްރޫޕްތަކަށް ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ މަޖިލީހަށް ދިމާވެފައި މިއޮތީ އަޖައިބެއް ފަދަ ކަމެއް ކަމަށް ސިފަ ކުރަށްވާފައެވެ. ވެރިކަން ކުރާ އެމްޑީޕީގެ ސަރުކާރުގެ އެޓާނީ ޖެނެރަލް މަގާމުން ވަކިކުރަން ހުށަހެޅީ އިދިކޮޅު ޕާޓީން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މަސައްކަތް ކުރާނެ ކަމަށް ލަފާކުރައްވަނީ އޭޖީ ސަލާމަތްކޮށް އިތުބާރު ނެތްކަމުގެ ވޯޓާ ހަމައަށް ނުދާން ކަމަށެވެ.

"ވޯޓެއް ނަގައިފި ނަމަ މޮޅުވީ ނަމަވެސް ހަނި މެޖޯރިޓީއަކުން ހުންނަވާ އޭޖީއަކަށް ވުރެން ވޯޓު ނުނަގާ އޭޖީއެއް ރަނގަޅުވާނެ ކަމަށް އާއްމު މީހަކު ދެކޭނެ،" އެމްޑީޕީގެ ރައީސް ނަޝީދުގެ ފޮނުއްވި މެސެޖްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި މަސައްކަތް ކުރެއްވީ އޭޖީގެ ދިފާއުގައި ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން ބޭނުންވީ ވޯޓު ނަގައި އޭޖީ ބަލިކަށި ކުރަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޗާގޯސްއާއި ރާއަޖޭގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ބުނެ އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް މަޖިލީހަށް ހުށައަޅާފައިވަނީ 13 މެމްބަރުންގެ ސޮޔާއެކުއެވެ. އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު އެމައްސަލަ ތާވަލްކޮށް މިދިޔަ ދެ ދުވަހު ނިޒާމް ގެއްލި މަޖިލިސް ކުރިއަށް ނުގެންދެވިގެން ރިޔާސަތުން ވަނީ ޖަލްސާ ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު