ކުރާ ކޮންމެކަމެއްގައި ކޮންމެ ފަހަރަކު މޮޅެއް ނުވާނެކަމަށާއި، ބަލިވާ ފަހަރު އެކަން ޤަބޫލުކުރަންވާނެކަމަށް އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާ މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގައި މިއަދު ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންނާއި ދެމެދު ހިނގި ހޫނު ޒުވާބުތަކަކާއި ގުޅިގެނެވެ. އަދި އެ ޒުވާބުތަކަށްފަހު މަޖިލީހުގެ ގޯތި ތެރޭގައި އަލީ ނިޔާ ހުންނަވަނިކޮށް، ރައީސް ނަޝީދު ވަނީ އޭނާގެ އަރިހަށް ވަޑައިގެން ވަރަށް ކޯފާ އިސްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ނިޔާ ކައިރިއަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އޭނާއަށް ބިރު ދައްކަވާފައިކަމަށެވެ.

"މަޖިލިސް ރައީސް މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލައަކީ ސީރިއަސް މައްސަލައެއް. މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭންޖެހޭ ފަރާތުން މިއަދު އެތައް މެންބަރުންނަކަށް ބިރުދައްކާ، މަޖިލިސް ނައިބު ރައީސްގެ މައްސަލަ އަނބުރާ ގެންދަން އަންގާ އިންޒާރުދީފި." އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވެފައިވެއެވެ.



އަލީ ނިޔާޒް ވިދާޅުވީ އޭނާއަކީ ކުޅިވަރު ކުޅުއްވުމުގައި އުޅުއްވި ބޭފުޅެއްކަމަށާއި އެކަމުން ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން އޮންނަކަންކަމަށެވެ. ނިޔާ ވިދާޅުވީ ކޮންމެ ފަހަރަކު މޮޅެއް ނުވާނެކަމަށާއި، ބަލިވާ ފަހަރު ބަލި ޤަބޫލްކުރަންވާނެ ކަމަށެވެ. އަދި އެއީ ރިތީ ސިފައެއްކަމަށްވެސް ނިޔާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ކުޅިވަރު ކުނުޅު މީހެއް. ކުޅިވަރުގަ އަޅުގަނޑަށް ދަސްވި އެއްކަމަކީ މޮޅުވުމާ ބަލިވުންއޮންނަކަން.ކޮންމެ ފަހަރަކު މޮޅެއް ނުވާނެ. ބަލިވާ ފަހަރު ބަލިޤަބޫލް ކުރަންވާނެ. އެއީ ވެސް ރީތި ސިފައެއް! އެއްވެސް މީހަކަށް ހަމަލާދޭކަށް ނޫޅެން. ބަލިކުރާނީ އަބަދުވެސް ވޯޓުން" ނިޔާ ވިދާޅުވިއެވެ.

މީގެކުރިން ދުވަހަކުވެސް ޕާޓީ ބައިބައި ނުވާވަރަށް އެމްޑީޕީ ބައިބައިވެފައިވާއިރު، އެމްޑީޕީގެ ބާނީއެއްކަމަށްވާ ރައީސް ނަޝީދަށް ތާއީދުކުރައްވާ އިސް މެމްބަރުން ދަނީ ޕާޓީ ދޫކޮށް އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު