ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ މައްސަލައިގައި 50 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމީ މިއަދުއެވެ. މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައި މިވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށް ފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައި ނުވުމުންނެވެ.

ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ 56 މެމްބަރުންގެ ތެރެއިން މިހާތަނަށް 50 މެމްބަރަކު ވަނީ ނަޝީދު މަޤާމުން ވަކިކުރަން ސޮއިކުރައްވާފައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި އޮތީ 50 މެމްބަރުންގެ ސޮއި ހަމަވުމުން މައްސަލަ ހުށަހެޅުމަށެވެ. އެމްޑީޕީގެ މެމްބަރުންގެ އިތުރުން، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުވެސް ވަނީ ނަޝީދު މަޤާމުން ވަކިކުރަން ސޮއިކުރައްވާފައެވެ.



މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު