ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކާއެކު ރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކް ކޮތަޅު 50 އިންސައްތަ މަދުކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް 2023 ފާހަގަކުރުމުގެ ގޮތުން އއ.އުކުޅަހުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި، ރަށްތަކާއި، ފަރުތަކާއި، ކަނޑުތަކާއި، ފަޅުތަކުގެ ޤުދުރަތީ މުއްސަނދިކަމާއި، އެތަންތަނުގެ ހިތްގައިމުކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޤުދުރަތީ ވެށީގެ މުއްސަނދިކަމާއި، ރީތިކަން ޙިމާޔަތްކޮށް ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ދައުލަތުގެ އަސާސީ ވާޖިބެއްކަމަށެވެ.

"އަޅުގަނޑުމެން ދިވެހިންނަށް މޫސުމަށް އަންނަ ބަދަލުތަކަށް މާބޮޑު ޙައްލެއް ހޯދައިނުދެވިދާނެ. އެހެން ނަމަވެސް، މިކަންކަމާ ގުޅިގެން އަންނަ ބަދަލުތަކަށް ހޭނުމަށް ތައްޔާރުވެ ތިބުމަކީ، އެންމެން އެކުގައި ކުރަން ޖެހިފައިވާ ކަމެއް" ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެބޮޑު އެއް މައްސަލައަކީ، ކުނީގެ މައްސަލަކަމަށާއި މެދުފަންތީގެ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުވެ، ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން މައްޗަށް ޖެހުނުއިރު، ކުނި އުފެދޭ މިންވަރުވެސް އިންތިހާއަށް މައްޗަށް ހިނގައްޖެކަމަށެވެ. އަދި އުފެދޭ ކުނީގެ ބާވަތްތައްވެސް ތަފާތުވެއްޖެކަމަށާއި، އޭގެތެރެއިންވެސް ޙައްލު ހޯދަން ޖެހިފައިވާ އެންމެބޮޑު އެއްކަމަކީ، ޕްލާސްޓިކް ކުނީގެ މައްސަލަކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ ޕްލާސްޓިކް ޕޮލިއުޝަނަށް ޙައްލު ހޯދުންކަން ފާހަގަކުރައްވަމުން ވިދާޅުވީ ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ ބާވަތްތަކަކީ، ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށްވެސް ނުރައްކާވާ އެއްޗެއްކަމުން، ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ރާއްޖޭގައި ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސިޔާސަތު ތަންފީޒުކުރަން ފެށިފަހުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށެވެ.

"މި ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން، އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް، 50 އިންސައްތަ މަދުވެއްޖެ. ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުންކަމަށެވެ. އަދި އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުންކަމަށާއި ކުނި މެނޭޖް ކުރުމުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ރަށެއްގައި، އެ ރަށަކާ އެކަށީގެންވާ ސައިޒުގެ ޒަމާނީ ކުނިކޮށްޓެއް ޤާއިމުކޮށް، އެ ތަންތަނަށް ބޭނުންވާ ވެހިކަލާއި، މެޝިނަރީއާއި، އާލާތްތައް ފޯރުކޮށްދިނުން. އަދި ރަށު ފެންވަރުގައި މެނޭޖް ކުރެވޭ ކުނި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމްކުރާ ސަރަޙައްދީ މަރުކަޒުތަކަށް ގެންގޮސް، ތަހުޒީބު މުޖުތަމަޢުތަކުގައި އެކަން ކުރާ އުޞޫލުން ކުނި މެނޭޖް ކުރުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ކުރިއަށްގެންދާ ތިމާވެއްޓާއި ގުޅޭ އެކި މަޝްރޫޢުތަކާއެކު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވެވޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު