އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ މާލީ އެހީ އިތުރުކުރުމަށް ނިންމާއި، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި އެމެރިކާއިން މިއަދު ވަނީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމަންޓަށް 10 ވަނަ އިސްލާހު ނުވަތަ އެމެޑްމަންޓް ގެނައުމަށްފަހު، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލްއެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑައިރެކްޓަރ ގެބްރިއަލް ގްރައުއެވެ.

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމަންޓަށް 2019 ވަނަ އަހަރުގެ މާޗުމަހު އެމެރިކާއާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ރާއްޖެއަށް ގިނަ އެެހީތަކެއް އެމެރިކާއިން ވަނީ ފޯރުކޮށްދީފައެވެ.



މި އެއްބަސްވުމަށް 10 ވަނަ އެމެޑްމަންޓް ގެނައުމުން، ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރުގެ އެހީއެއް އެމެރިކާއިން ފޯރުކޮށްދޭނެއެވެ. މިއާއެކު އެމެރިކާއިން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭޭ އެހީގެ ޖުމްލަ 36.1 މިލިއަން ޑޮލަރަށް އަރާނެއެވެ.

ރާއްޖެއަށް އިތުރަށް ދިން އެހީ ބޭނުންކުރާނީ ޕަބްލިކް ފައިނޭންސް މެނޭޖްކުރުން ހަރުދަނާކުރުމާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުމުގެ ދާއިރާއަށެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޙާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި ޔޫއެސްއެއިޑްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު