ފެނަކައިގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށްގެން އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާޢިޢުކުރަމުންދާކަމަށެވެ. އަދި އެއީ ފެނަކައަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބްރޭންޑަކަށްވުމުން އެކަމުގެ ފައިދާ ނަގައިގެން ނޫސް ކިޔާ ފަރާތްތައް އިތުރުކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ކުރާކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.

ފެނަކައިން ވަނީ އެކަންކަން ހުއްޓާލުމަށްފަހު، މުޖްތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް، ލިބިފައިވާ ވަގުތާއި ވަސީލަތްތައް ބޭނުންކުރުމަށް ނަސޭހަތްތެރިވެފައެވެ.



ފެނަަކައިގެ ބަޔާނުގައި ބުނީ މި ސަރުކާރު ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންނަށް އެއްވެސް ބިރެއް ނެތި މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކޮށްދީ، ލިބިފައިވާ ހައްގުތަކުގެ ބޭނުން އެންމެ ތަނަވަސް ގޮތެއްގައި ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެ ހައްގުތަކަށް ހުރަސް އަޅައި، މުވައްޒަފުންނަށް ބިރު ދެއްކުމަކީ ކުންފުނީގެ މިއަދުގެ މެނޭޖްމަންޓް ދަންނަކަމެއްވެސް ނޫންކަމަށް ފެނަކައިން ބުނެއެވެ. މީގެއިތުރުން ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޝުއޫރާއި ހިޔާލާއި ބުނާ ބުނުމަކީ ކުންފުނީގެ މެނޭޖްމަންޓްގެ ބަސް ނުވަތަ ކުންފުނިން ދެކޭ ގޮތް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން އެއްވެސް އަސްލެއް، އަސާސެއް ނެތި ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލައި، ނަން ކިލަނބުކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެނަކައިގެ ނަން ބޭނުންކޮށްގެން ފައިދާ ހޯއްދަވަން ބޭނުންވާނަމަ އަހްލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯއްދެވުމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު