އައްޑޫ ރައްޔިތުން ކުރެއްސެވި ތަރައްގީގެ ޕްލޭން އެ ގޮތުގައި ތަންފީޒުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ‏އައްޑޫ ސިޓީގެ ރައްޔިތުން އެމަނިފާނަށް ކުރެއްވި އިތުބާރާއި ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރަށްވާފައެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ކުރިމަގާމެދު އައްޑޫގެ ރައްޔިތުން ކުރެއްސެވި ޕްލޭން އެ ގޮތުގަ ތަންފީޒުކޮށްދިނުމުގައި އެމަނިކުފާނު ކުރިއަށް ވަޑައިގެންނަވާނެކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީއަށް ތަރައްޤީގެ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ބޮޑެތި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވައި، އަދި ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާ ގޮތްވެސް ބައްލަވާލެއްވިއެވެ.

އެގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫޢަކީ، އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތުގެ ފެށުން ކަމުގައެވެ. މީގެ އިތުރުން ވެސް ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް އައްޑޫ ސިޓީ ބަދަލުކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ވެސް އެމަނިކުފާނު ވަނީ ފަށްޓަވައިދެއްވާފައެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާގޮތްވެސް އެމަނިކުފާނު ބައްލަވާ ލެއްވިއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އ.ތ.މ ކޮމިޓީއާ ވަކިވަކިން ބައްދަލު ކުރައްވައި އައްޑޫ ސިޓީގެ ތަރައްޤީއާގުޅޭ މުހިންމުކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ވިލުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލެއްވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް ބަދަލުވެ، އޭގެ އެތައް ގިނަ ފައިދާތަކާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު