ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު އަޅުގަނޑުމެން ޢަމަލީ މަސައްކަތްތަކެއް ނުކޮށްފި ނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދުނިޔޭގެ ތިމާވެށްޓާއި ޤުދުރަތީ ނިޒާމްތަކަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުންކަމަށެވެ. އަދި ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކާތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު އަޅުގަނޑުމެން ޢަމަލީ މަސައްކަތްތަކެއް ނުކޮށްފި ނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާ ކަމެއް. މިހާރު އޮތް ނުރައްކާތެރި ޙާލަތުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވޭނީ، އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ލާމެހިފައިވާ ކަމަކަށް ހަދައިގެން. ތިމާވެށި ޙިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދުން، އަދުގެ ޙާލަތު މިވަނީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކޮށްފައި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ތިމާވެށްޓާއި ދުނިޔޭގައި ލައްވަވާފައިވާ ނިޒާމްތައް އޮޅުން ބޮޅުން ވިޔަ ނުދީ ރައްކާތެރި ކުރުމަކީ، ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ދުނިޔެއާ ރާއްޖެއަށްވެސް އޮތް ތިމާވެށީގެ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ސަބަބުން ވެށި ތަޣައްޔަރުވަމުން ދިޔުންކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، ޕްލާސްޓިކް އުފެއްދުންތަކުން ވެށި ތަޣައްޔަރުވިޔަ ނުދިނުމަކީ މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހެދުމަށް އެދިވަޑައިގަންނަވަމުންނެވެ. މިގޮތުން، އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއާ ހަމައަށް ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު