އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ތަނެކެވެ. އެތަނަށް މިވަގުތު ދިމާވެފައިވާ ދައްޗަކީ މަސް ބޭރުކުރުމުގައި ހުރި ދަތިކަން ކަމަށް މިފްކޯއިން ބުނެއެވެ. އޭގެ މައިގަނޑު ސަބަބަކީ އެތަނާއި ގުޅިފައި އޮތް ބަނދަރު ތަރައްޤީނުވެ އޮތުމެވެ.

މިފްކޯއިން ހިންގާ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެގޮތުން އެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ 2021 ވަނަ އަހަރު ފަށާފައެވެ.

ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 97 މީޓަރުގެ ބަނދަރު ތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތަކީ 68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ އޮގަސްޓްމަހު މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މީގެއިތުރުން އައްޑޫގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ، 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް، އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ. އަދި އޮގަސްޓު މަހުގެ ތެރޭގައި، މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެކުނު އަދި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ބޮޑެތި މަންފާތަކެއް ލިބިގެންދާނެކަމަށެވެ.

"ތަރައްޤީ ކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި، މި އެއަރޕޯޓްގެ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތް. އެއީ، ޚަރަދުކުޑަވެ، މަގުކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނެ ޙައްލެއް." ރައީސް ވިދާޅުވިއެވެ.

ދެކުނު މަސްވެރިންނަށް ކަންކަން ފަހިކޮށްދީ، ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ދެކުނުގައި މަސްބަންދުކުރާ 2 ކާރުޚާނާ އެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު