ރައްޔިތުންގެ މަޖިލީހުގައި މިއަދު ބައެއް މެމްބަރުން ވަކީލުންނަށް ކުރި ފުރައްސާރައަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

މަޖިލީހުގައި މިއަދު ފުރައްސާރަ އަމާޒުވީ ބަންޑާރ ނާއިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ވަގުތު އެމަނިކުފާނާއެކު ހާޒިރުވެވަޑައިގެން ތިއްބެވި އަންހެން ދެ ވަކީލަކަށެވެ. އެއީ ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އެ ވަކީލުންނަކީ އުމުރު ހަމަނުވާ ކުޑަކުދިންކަމަށް ޝައްކުވާކަމަށް ވިދާޅުވެ، އެކަން ޔަގީންކޮށްދެއްވުމަށް ވިދާޅުވެ، އެ ކަނބަލުންނަށް ފުރައްސާރަ އަމާޒުވާގޮތަށް ވާހަކަ ދައްކަވާފައެވެ.

"18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ޔަގީންކޮށްލަދޭން އަޅުގަނޑު ބޭނުންވޭ." ސަލީމް ވިދާޅުވިއެވެ.

ބާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާމް ވިދާޅުވީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި ދެ ވަކީލުންނަކީ މަސައްކަތުގެ ތަޖުރިބާއާއި ޤާބިލްކަން ލިބިވަޑައިގެންފައިވާ ފުންނާބު އުސް ވަކީލުންތަކެއް ކަމަށެވެ. އަދި މަޖިލީހުން މިއަދު ފެނިގެންދިޔައީ އިހްތިރާމް ކުޑަކުރުމުގެ އަމަލެއްކަމަށާއި އެކަމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކައާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ހާޒިރުވާ ފަރާތްތަކާއިމެދު ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު