ރިޔާސީ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދެއްވާނީ ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާއި މިރޭ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ދެވަނަ ދައުރެއްގައި ވެސް ވެރިކަން ކުރެއްވުމުގައި އިސްކަންދެއްވާނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރު ވެސް އެމަނިކުފާނު އެންމެ އިސްކަންދެއްވީ ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށެވެ. އެގޮތުން ހަަމަޖެހުމަށް އިސްކަންދެއްވަނީ ތަރައްގީއަށް އެންމެ މުހިންމީ ހަމަޖެހުން ކަމަށް ވާތީ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ފަސް އަހަރު ވެސް އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ސުލްހަ، ހަމަޖެހުން، ސްޓެބިލިޓީ، ރާއްޖޭގައި ގާއިމްކުރުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދާ ކަަަމަށެވެ. އެގޮތުން މި ފަސް އަހަރުގެ ދައުރުގައި ފަށައިފައިި ހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެއްކޮށް ނިމުމުން ދެން ރާއްޖޭގައި އުމްރާނީ ތަރައްގީއަށް ކުރަން ހުންނާނީ މަދު ކަމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ތައުލީމާއި ސިއްޙަތާ، ދަތުރުފަތުރާއި ކުޅިވަރުގެ ދާއިރާ އިން މިއިން ޒަމާނަކު ނުހިންގޭވަރުގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައިވާ ކަަަމަށާއި، މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށެެވެ.

"މި މަޝްރޫތައް ނިމޭއިރުގައި މި ރާއްޖޭގައިި އުމްރާނީ ތަރައްގީއަށް ދެން ކުރަން ހުންނާނީ މަދު ކަމެކޭ ވެސް ދެންނެވިދާނެ، މިހެން ދެންނެވިއަސް ހުންނާނެ ކޮންމެ ވެސް ވަރަކަށް،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު