އައްޑޫސިޓީ ކައުންސިލްގެ މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

ނާދިރު އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ. ކައުންސިލަރު އަހުމަދު ނާދިރު އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލުކުރީ ރައީސް ސޯލިހާއެވެ.

ނާދިރު މަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާފައިވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ޖުމުލަ ތިން ކެންޑިޑޭޓުން މަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރިއިރު ނާދިރު ގޮނޑި ކާމިޔާބު ކުރަށްވާފައިވަނީ 1149 ވޯޓު ހޯއްދަވައިގެންނެެވެ. ނާދިރުއާ އެންމެ ގާތުން އިންތިހާބުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 556 ވޯޓެވެ.

ނާދިރުގެ އިތުރުން އައްޑޫ ސިޓީގެ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް މިއަދު ވަނީ ސޮއިކޮށްފައެވެ. އެމްޑީޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާ ހަވާލުވެ ވަޑައިގެންނެވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.



ކިޔުންތެރިންގެ ހިޔާލު