އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ މުރަލީދަރަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިނިސްޓަރ މުރަލީދަރަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީގައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ، ގާތް، ބަދަހި ގުޅުމަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައިވެއެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ މުރަލީދަރަން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމުކޮށްފައިވާ އިކޯ ޓުއަރިސްޓް ޒޯންތައް ވަނީ އިފްތިތާހްކޮށްދެއްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު މަޝްރޫއުތައް ހިންގުމަށް ނިންމައި 10 އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައިވެސް މިނިސްޓަރ މުރަލީދަރަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު