އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަރުފުޅުގެ ތެރެއިން، މިއަދު އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކައުންސިލުތަކުގެ ބަޖެޓުން މިހާރު ކަނޑައަޅާފައިވާ އިންސައްތަ މިހާރަށްވުރެ މަތިކުރުމަށާއި އަދި ސިޓީ ކައުންސިލުތަކުގެ އ.ތ.މ ކޮމެޓީގެ މެންބަރުންނަށް އިތުރު އެލަންވަންސްތައް ހަމަޖެހުން ފަދަ ކަންކަން ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުންވެސް އަންހެނުން އިތުރަށް ބާރުވެރިކުރުމަށް މަގުފަހިކުރުމަށް ކުރަންހުރި އިތުރުކަންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އ.ތ.މ. ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ފަހިކުރެވެންހުރި އިތުރުކަންކަން ބައްލަވައި އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު