ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދު 177 ބިލިއަން ރުފިޔާއަށް ކުރިއަރައިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ބިން ހިއްކުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ މި ފަސް އަހަރުތެރޭ ކުރެވުނު މަސައްކަތާއެކު އިޤްތިޞާދަށް ބޮޑު ކުރިއެެރުމެއް ހޯދިފައިވާކަމަށެވެ. އަދި އެ މަސައްކަތްތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެެރުމާއި ދިރުން ގެނެސްދިނުމަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ޙާލަތު ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެކަމުގެ އުއްމީދު ބޮޑުކަންކަމަށެވެ. އަދި 2028 ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާ ދިއުމަކީ ކުރު މުއްދަތަކުން ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މި ފަސް އަހަރު ތެރޭގައި ކުރި މަސައްކަތްތަކާއެކު 2028 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ދެ ގުނަ ބޮޑުކުރެވިގެންދާނެ ކަމަށެވެ.

"މީގެ 5 އަހަރުކުރިން 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. މީގެ 5 އަހަރުފަހުން ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތައް ކުރަމުންކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ވިއްދަނީ މުޅިރާއްޖެ އެކުގައި އުފުލާލަދޭނެ އިޤްތިޞާދީ ދުންކަރާހެއްކަމަށާއި އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭގޮތަށް އެކަންކުރުންކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ މިސާލެއްގެ ގޮތުގައި އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު