ރާއްޖޭގެ ސިޔާސީ މަޝްރަޙަށް އަންނަ ބަދަލާއެކު އައްޑޫގެ ރައްޔިތުންނަށް ބޮޑު ބޮނޑިއެއް ލިބިގެން ހިގައިދާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު މަރަދޫފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީކޮށް އިގްތިސާދު ބިނާކުރުމަށް އެސިޓީގެ ރައްޔިތުން ގޮތް ނިންމަންޖެހޭ ކަަމަށެވެ. ނިޒާރު ވިދާޅުވީ އެގޮތަށް އައްޑޫ ސިޓީ ތަރައްގީ ކުރެވޭނީ ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ. އަދި އެމަނިކުފާނަށް އިތުރު ދައުރެއް ދިނުމަކީ އައްޑޫއާއި މުޅި ރާއްޖެ ތަރައްގީ ކުރެވެން އޮތް ހަމައެކަނި ގޮތް ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދިނުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ލާޒިމްވާ ސަބަބަކީ އައްޑޫގެ އިގްތިސާދު ބިނާކުރުމާއި އައްޑޫގެ މުސްތަގުބަލް ބިނާކުރުމަށް، އަޅުގަނޑުމެން އެކަން ކުރަންޖެހޭ، މިހާރު ވެސް އިވޭ އަޑުތަކާއި ފެންނަ ބެނާތަކާއި އިދިކޮޅު ފަރާތްތަކުގެ ދެއުޅިއެއްނުވާ ވާހަކަތަކަށް ބަލާއިރު އައްޑޫ ސިޓީ އާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލާއެކު އަޅުގަނޑުމެންނަށް ބޮޑުވެގެންވާ ބޮނޑިއެއް ލިބުމުގެ ފުރުސަތު އެބައޮތް، އަޅުގަނޑުމެން ނިންމުން ނިންމާ ގޮތަކުން އެކަން އެހެންވެދާނެ،" މަޖިލީހުގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްދެއްވީ ރައީސް ސޯލިހެވެ.

ބިން ހިއްކުމުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިންނެވެ.



ކިޔުންތެރިންގެ ހިޔާލު