ފ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ފ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ އަތޮޅުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ޓްވީޓްގައި ވަނީ‏ އަތޮޅުގެ ރައްޔިތުން ސަރުކާރާމެދު ފާޅުކުރެއްވި އިޙްލާޞްތެރި ޝުޢޫރުތަކަށާއި ދެންނެވި ހޫނު މަރުޙަބާއާއި ދެއްވި މެހެމާންދާރީއަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.

ރައީސް ވިދާޅުވީ ފ. އަތޮޅުގެ ރައްޔިތުން ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މި ސަރުކާރުން ދެމި އޮންނާނެކަމަށެވެ.



ފ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މިދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ޢާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވިއެވެ. އަދި ރަށުކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާ އަދި ރައްޔިތުންނަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު