ހުކުރުދުވަހުގެ ރޭ ހައިވޭގައި އެކްސިޑެންޓުވެ މީހަކު މަރުވެފައިވަނީ ނުބައި ފަޅިއަކުން ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި އައުމުގެ ސަބަބުން ހުއްޓާފައި އޮތް ފުލުހުންގެ ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 43 އަހަރުގެ ދިވެހި ފިރިހެނެއް، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓް ހިނގީ އެރޭ ދަނވަރުއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ހަލިމަގު، މާލެއިން ހުޅުމާލެއަށްދާ ފަޅި، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާ ގޮތަށް ކާރެއް ހުއްޓިފައި އޮތުމުން، ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް އެތާ މަޑުކޮށްގެން އޮތް ކަމަށެވެ.

އަދި އެކްސިޑެންޓުވީ ސައިކަލް ބާރު ސްޕީޑުގައި ދުއްވާފައި އައިސް އެ ޕިކަޕުގެ ފަހަތުގައި ޖެހިހުނީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ހުއްޓިފައި އޮތް ކާރު ނެގުމަށް ޕިކަޕް މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްލައިގެން އޮތްކަން އަންގައިދޭ ހަތަރު ސިގްނަލް ލައިޓް ވެސް ޖައްސައިގެން ކަމަށެވެ. އެކްސިޑެންޓްވި ސައިކަލް އޭރު ދުއްވާފައި އައީ ސައިކަލް ދުއްވަން ހާއްސަ ލޭނުން ނޫން ކަމަށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ނެގި ކާރަކީ ހުކުރު ދުވަހުގެރޭ 8:07 ހާއިރު ހުއްޓިގެން އެތާ ބާއްވާފައި އޮތް ކާރެއް ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން ވަނީ އެއްގަމު އުޅަނދު ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި މަގުމަތީގައި ބަހައްޓާފައިވާ ނިޝާންތަކާއެއްގޮތަށް އުޅަނދުފަހަރު ދުއްވުމަށް އިލްތިމާސްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު