ފާއިތުވި 50 އަހަރު ބިލެތްދޫއަށް ލިބިފައި ނެތް ތަރައްޤީ މިސަރުކާރުގައި ލިބިގެން ހިނގައްޖެކަމަށް ބިލެއްދޫ ކައުންސިލުން ބުނެފިއެވެ.

ބިލެއްދޫ ކައުންސިލުން މިކަން ފާހަގަކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލު ކުރެއްވުން އޮތީ، މިއަދު މެންދުރު ބިލެއްދޫ ކައުންސިލް އިދާރާގައެވެ.

މިބައްދަލުވުން ފެއްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލެއްދޫ ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިލެއްދޫއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ބިލެއްދޫ ކައުންސިލުން ވަނީ، މިސަރުކާރުން ބިލެއްދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށާއި ރައްޔިތުން ތިބީ ސަރުކާރާއެކުގައި ކަމުގައި ވިދާޅުވެފައެވެ. އަދި ބިލެއްދޫއަށް މިސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއާއެކު ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާޢީދު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެބައޮތް ކަމުގައި ކައުންސިލުން ހާމަކުރިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ​އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ އަތޮޅުތެރޭގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދީފައިވާ ސަރުކާރު ކަމަށާއި ފާއިތުވި 50އަހަރު ބިލެއްދޫއަށް ލިބިފައި ނެތް ތަރައްޤީ މިސަރުކާރުގައި ލިބިގެން ހިނގައްޖެ ކަމުގައިވެސް ކައުންސިލުން ފާހަގަކުރިއެވެ.

މިބައްދަލުވުމުގައި ބިލެއްދޫގެ ރައްޔިތުން ބޭނުންވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ކައުންސިލަށް ދިމާވެފައިވާ މާލީ ދަތިތަކާއި، ކުޅިވަރު ކުޅޭނެ ދަނޑާއި ވަޞީލަތްތައް ނެތުމާއި، ސްކޫލުގެ ލައިބްރަރީއެއް ޤާއިމްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރާ ހަކަތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ހިމެނެއެވެ.

މިބައްދަލުވުމުގައި، ބިލެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންވަނީ މިސަރުކާރުން ކޮމިޓީތަކުގެ ހިންގުމަށް ގެނެސްދެއްވި ބަދަލުތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި ކޮމެޓީތައް ހިންގުމަށް އޮތް ދަތިތަކާއި ހަރާކާތްތައް ހިންގުމަށް ދިމާވާ މާލީ ދަތިކަންވެސް އ.ތ.މ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިލެއްދޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ރަށުގެ ބިން ބޮޑު ކުރުންކަމަށާ، ބަނދަރުގެ މަސައްކަތާއެކު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާނެ ކަމުގައެވެ.

މީގެއިތުރުން ކައުންސިލުން ފާހަގަކުރި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ، ފ.ފީއައްޔަށެވެ.



ކިޔުންތެރިންގެ ހިޔާލު