ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރާ މީހުން މަޤާމުތަކުން ވަކިކުރަން ފަށައިފިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކު އުފައްދަން މަސައްކަތްކުރާ ޕާޓީއެކެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ ސްލޮޓްތަކުގައި ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރާ މެމްބަރުން މަޤާމުން ވަކިކުރަނީ އެމްޑީޕީން އެދިގެންކަމަށެވެ. އަދި ޕާޓީން އެ ގޮތަށް އެދިފައިވަނީ އެ ބޭފުޅުންނަކީ އެމްޑީޕީގެ މެމްބަރުންނަށް މިހާރު ނުވާތީކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.



އެމްޑީޕީން ވަކިވި ބަޔަކު އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ޗެއަރމަނުންނާއި ސިޔާސީ އެހެން ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް މިހާތަނަށް އައިއިރު މަޤާމުން ވަކިކޮށްފައިވަނީ ކިތައް ބޭފުޅުންކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިދިޔަ ބުދަ ދުވަހު ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމުން ޑިމޮކްރެޓްސް ޕާޓީން އަންނަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް