ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަން އޮތްކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާއި، އެފަދަ މައްސަލައެއް އޮތްނަމަ މުއައްސަސާތަކަށް ހުށަހެޅުއްވުމަށް އެދިވަޑައިގެންނަވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބިލެއްދޫގައި އިމާރާތް ކުރި އައު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައާ ގުޅޭގޮތުން ރަނގަޅަށް މައުލޫމާތު ނުހޯއްދަވާ ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާކަމަށެވެ.

އެހެންކަމުން ކަމާއިބެހޭ މައުލޫމާތު ހޯއްދަވައިގެން ވާހަކަ ދެއްކެވުން ވަރަށް މުހިއްމުކަމަށާއި ކަންކަން ނޭނގި ވާހަކަ ދެއްކީމާ އެއިން އުފެދޭ ފިތުނަ ވަރަށް ބޮޑުކަމަށެވެ.

"އަޅުގަނޑުމެންގެ ވާހަކަ ދައްކާނެ. ދައްކާނެ ސަބަބުތައް އެބަހުރި. އެއީ އެއްވެސް ބަޔަކަށް ނުކުރެވިފައި ހުރި މަސައްކަތްތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮށްލީމަ. މިރަށްރަށަށް އައިސް ދައްކާނެ (ތަރައްގީގެ) ވާހަކައެއް ދެން ނޯންނާނެ." ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ފެނަކައިން ވައްކަމެއް ނުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ. އަދި އެފަދަ ކަމެއް އޮތްނަމަ މިނިވަން މުއައްސަސާތަކަށް ހުށަހަޅައިގެން ބެއްލެވުމަށް ސައީދު އެދިވަޑައިގެންނެވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ދޭ ޔަގީންކަމަކީ ފެނަކައާ ދޭތެރޭ ވާހަކަދައްކާނެ. ރައްޔިތުންނަށް ދޭ ޔަގީންކަމަކީ ފެނަކައިން ވައްކަމެއް ނުކުރޭ. ވައްކަމެއްް ނުކުރާނެ. ބަޔަކު ނަގަމުން ދިޔަ ނާޖާއިޒު ފައިދާތަކެއް ނެގުން ހުއްޓުވީމަ ހިތަށް ކެތްނުވެގެން ޒާތްޒާތުގެ ވާހަކަ އަނބުރަނީ. އަޅުގަނޑު ހިތަކަށް ނާރާ އެކައްޗެކޭވެސް." ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ފެނަކައިގެ މައްސަލައެއް މުއައްސަސާތަކަށް ހުށަހެޅުއްވިޔަސް ކޮރަޕްޝަންގެ އަމަލެއް ނުފެންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ސައީދު ވިދާޅުވީ ރާއްޖެ ތަރައްގީކުރަމުންދާ ސްޕީޑަށް ބަލާއިރު ރައީސް ސާލިހުއާ ޗެލެންޖް ކުރެވޭނެ އެއްވެސް ވެރިއެއް ނެތްކަމަށެވެ. އަދި އެ ވިސްނުން ހުރި ވެރިއެއްވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް