މަގޫދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަގޫދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފެނަކައަކީ ހާހުން މުވައްޒަފުން އުޅޭ ކުންފުންޏަކަށްވިޔަސް އެންމެ ބިދޭސީ މުވައްޒަފެއްވެސް އެ ކުންފުނީގައި ނޫޅޭނެކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ މަގޫދޫގައި ޤާއިމްކުރި ފެނަކައިގެ އައު އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައެވެ. މި އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

ސައީދު ވިދާޅުވީ ރަށްރަށުގައި ޒަމާނީ އޮފީސްތައް ފެނަަކައިން ހުޅުވަނީ ހަމައެކަނި ކޭބަލް އެޅުމާއި ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ނޫންކަމަށެވެ. އަދި އެ ކުންފުނިން ދަނީ އިންސާނީ ވަސީލަތް ތަަރައްޤީކުރުމުގެ ގޮތުން މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ 2018 ވަނަ އަހަރު ސަރުކާރު ހަވާލުވުމާއި ހަމައަށް ފެނަކައިގެ މުވައްޒަފުންގެ ތެރެއިން ތަމްރީނާއި ތައުލީމް ހޯދާފައިވަނީ އެންމެ 4 މުވައްޒަފުންކަމަށެވެ. އަދި އެ 4 މުވައްޒަފުންނަށްވެސް އެކަން ކޮށްދީފައި އޮތީ އެންމެ ރަނގަޅަށް ނޫންކަން ސަޢީދު ފާހަގަކުރެއްވިއެވެ.



ސައީދު ވިދާޅުވީ މިދިޔަ 4 އަހަރު ތެރޭގައި ފެނަކައިގެ އެތައް މުވައްޒަފުންނެއް މާސްޓާސް ޑިގްރީއާއި ސެޓްފިކެޓް ލެވަލްގެ ކޯސްތައް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްުކޮށްފައިވާކަމަށެވެ. އަދި މިހާރުވެސް 270 އަށްވުރެ ގިނަ މުވައްޒަފުން އެކިއެކި ތައުލީމީ ތަމްރީންތައް ފުރިހަމަކުރަމުންދާކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.



"ފެނަކައިން 5 މީހަކަށް އެކަނި ކިޔަވައިދިނީ 2018 ހަމައަށް. މި 4 އަަހަރު ތެރޭގައި އެކި ދާއިރާތަކުން 21 ކުދިން މާސްޓަރސް ހަދައިފި ފެނަކައިގެ ހަރަދުގައި. ލެވަލް 3ގެ ކޯސްތައް 67 މުވއްޒަފަކު ފުރިހަމަކޮށްފި. 270އަށްވުރެ ގިނަ މުވައްޒަފުން ދަނީ މިހާރުވެސް އެކި ދާއިރާތަކުން ތަމްރީން ފުރިހަމަކުރަމުން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ 1000 އަށްވުރެ ގިނަ މުވައްޒަފުން ފެނަކައިގައި އުޅޭއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުސް ދިވެހިން ވަޒީފާގައި އުޅުންކަމަށެވެ.

"ކޮންސަލްޓަންޓުން ފެށިގެން އެންމެ އާދައިގެ ވަޒީފާއާ ހަމައަށްވެސް ހުސް ދިވެހި ދަރިން. އެއްވެސް ރަށެއްގެ އިންޖީނު ބެލެހެއްޓުމަށް ބޭރު މީހަކު ނުހުންނާނެ. އެ ދިވެހި ދަރިން މިއަދު އެ ދަނީ ފަންނީ ގޮތުންނާއި އިލްމީގޮތުން ބޭނުންވާ ތަމްރީންތައް ހޯދަމުން." ސައީދު ވިދާޅުވިއެވެ.

ފ. މަގޫދޫ އިންޖީނުގޭގެ އޮފީސް ޢިމާރާތުގެ ގޮތުގައި މީގެ ކުރިން ވަކި ޢިމާރާތެއް ނުހުރެއެވެ. އަލަށް ހެދި އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވެއެވެ. ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިރު އެތަނުގައި ހުރީ 3 މުވައްޒަފުން މަސައްކަތް ކުރާނެ ޖާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން