ޤައުމު ކުރިޔަށްދާނީ ތަރައްޤީގެ މަޝްރޫޢުތަކާއިއެކު ވަޒީފާތައް އުފައްދައި އެވަޒީފާތަކަށް ބޭނުންވާނެ މީހުން ބިނާކޮށްެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު، ފ. ދަރަނބޫދޫ ބަނދަރު ސަރަހައްދުގައެވެ.

ފ. ދަރަނބޫދޫ ބަނދަރުގެ މަޝްރޫޢު ނިމި ބަނދަރުހުޅުވުމުގެ ގޮތުން ބޭއްވި މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ މަތީފަންތީގެ ވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ދަރަނބޫދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނާ އެރަށު ރައްޔިތުން މިރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ފ. ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މާލެ ތޮއްޖެހިގެން ދިޔުމުގެ ސަބަބަކީ، ކިތަންމެ ކުޑަ ޚިދުމަތެއް ހޯދަންޖެހުނަސް އަދި ވަޒީފާއެއް ހޯދަން ޖެހުނަސް މާލެއަށް ދާންޖެހޭ ގޮތަށް މީގެ ކުރިން ސިޔާސަތުތައް ބައްޓަންވެފައި އޮތުން ކަމަށެވެ. މިގޮތުން މާލޭގެ ޙާލަތު އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަށް އޮތް އެއް ހައްލަކީ މާލެ ނޫން ސަރަހައްދެއްގައި މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކާއި އެކު ކުރަމުންގެންދާ އަނެއްކަމަކީ ވަޒީފާތަކަށް މީހުން ބިނާކުރުން ކަމަށެވެ. އަދި ޤައުމު ކުރިޔަށްދާނީ، މިގެނެވޭ ތަރައްޤީއާއި އެކުގައި އުފެދޭ ވަޒީފާތަކަށް އެކަށީގެންވާ މީހުން ބިނާކޮށްގެން ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާއެއް އާމްދަނީއެއް ނެތި ރަށެއްގައި ދިރި ނޫޅެވޭނެ ކަމަށާ، އަދި މާލެއަށް މީހުން ހިޖުރަކުރަންޖެހުނު ސަބަބަކީ އެއީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަރަނބޫދޫގެ އަބާދީގައި ހަތަރުސަތޭކައެއްހައި މީހުން ދިރިއުޅޭއިރު، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން، ދަރަނބޫދޫގެ 36 ދަރިވަރަކު ޑިގްރީ ހާސިލްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރަނބޫދޫގައި މުސްތަޤުބަލް އެބައޮތް ކަމަށެވެ. އަދި ބޭނުންވަނީ ޒަމާނަށް އަންނަ ބަދަލާއި އެކީގައި ރަށްކުރިއަރުވާނެ ބަޔަކު ރަށުގައި ތިބުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދަރަނބޫދޫއަށް 2018ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައި ދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދިވެސް ދަރަނބޫދޫގެ ރައްޔިތުން ބޭނުންވާނެ ކަންކަން ހުންނާނެކަން ފާހަގަކުރައްވައި އެކަންކަން ޙިއްޞާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ފ ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސަރުކާރުން ހަވާލުކުރެއްވީ އެމްޓީސީސީއަށެވެ. މިމަޝްރޫޢަށް ސަރުކާރުން 45.9 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން