ފަލަސްތީނު ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް މިހެން ވިދާޅުވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މިއަދު ބޭއްވި އޯ.އައި.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ދެއްވި ތަޤްރީރުގައެވެ.

ޚަލީލުގެ ތަޤްރީރުގައި އެ އަމަލުތަކަކީ އ.ދ.ގެ ސަލާމަތީ މަޖިލީހާއި ޢާންމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފު އަމަލުތަކެއްކަން ބަޔާންކޮށް، އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. ހަމައެއާއެކު އިސްރާއީލުން ގާޒާގައި ޤަވައިދާ ޚިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށްވެސް ގޮވާލެއްވިއެވެ.

އަދި، ސަފީރުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެ ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް