މެމްބަރުން އެންމެ ގިނަ ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި އަދާލަތު ޕާޓީ ފަހަތަށް ޖައްސާލުމަށްފަހު އެމްޑީއޭއާއި އެމްއެންޕީ ކުރިއަށް ޖެހިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ 21 ފެބުރުވަރީގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އާންމުކޮށްފައެވެ.

މި އަދަދުތައް ދައްކާގޮތުން މެމްބަރުން އެންމެ ގިނަ ޕާޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ 3 ޕާޓީ އޮތީ މަޤާމަށް ބަދަލެއް ނައިސް އެގޮތުގައެވެ. އެއީ މެމްބަރުން އެންމެ ގިނަ އެމްޑީޕީއާއި، ދެވަނައިގައި ޕީޕީއެމް އަދި 3 ވަނައިގައި އުޅޭ ޖުމްހޫރީ ޕާޓީއެވެ.

މިއަހަރުގެ ފެބުރުވަރީ 21 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދު:

އެމްޑީޕީ- 57660

ޕީޕީއެމް- 38704

ޖުމްހޫރީ ޕާޓީ- 22607

އެމްޑީއޭ- 10386

އެމްއެންޕީ- 9838

އަދާލަތު- 9786

ޕީއެންސީ- 3159

އެމްޓީޑީ- 3016

އެމްއާރުއެމް- 2981

މިއަދަދުތައް ދައްކާގޮތުން އެމްޑީޕީއާއި، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީއަށްފަހު ރާއްޖޭގައި 4 ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އަދާލަތު ޕާޓީއަށް ވަނީ އެ މަޤާމު ގެއްލިފައެވެ. އަދާލަތު ފަހަަތަށް ޖައްސާލުމަށްފަހު އެމްޑީއޭ ވަނީ ރާއްޖޭގައި 4 ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށްވެފައެވެ. 5 ވަނަ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއަށް ލިބޭއިރު، އަދާލަތަށް ލިބެނީ 6 ވަނައެވެ.

ދެން އޮތް 3 ސިޔާސީ ޕާޓީކަމަށްވާ ޕީއެންސީ، އެމްޓީޑީ އަދި އެމްއާރުއެމްގެ ތެރެއިން، ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުން ނެތިގެން އެމްއާރުއެމް އުވާލަން މިއަދު ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ޕާޓީއެއްގެ ގޮތުގައި ދެމިއޮވެވޭނީ 3000 މެމްބަރުން ހަމަވަންޏާއެވެ. އަދި ބަޖެޓުން ފައިސާ ދޭނީ 10000 މެމްބަރުން ޕަާޓީގައި ތިބިނަމައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް