މިއަދު ފެނިގެން މިދަނީ ޑިމޮކްރަސީގެ ބަފަޔެއް ކަމަށް ހެދިގެން އުޅުނު ބޭފުޅަކު ނުލަފާ ދޮންބަފަޔަކަށް ވެގެން މުޅި ގައުމު ހަރާބުކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ގައުމު ހަރާބުކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމަށް ދިވެހި ރައްޔިތުން 2018 ވަނަ އަހަރު އައްޔަންކުރައްވާފައިވާ ރައީސުލްޖުމްހުރިއްޔާއަށް ދެވަނަ ފުރުސަތެއް ރައްޔިތުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަރަށް ސާފުކޮށް އެކަން ފެނިގެންދާނެ ކަމަށެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލަން މަކަރާއި ހީލަތް ހަދައިގެން ފާޑުފާޑު ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެކަނި ބޭނުންވެގެން އުޅެނީ ވެރިކަން ކަމަށާއި، ވެރިކަން ނޫން އެއްޗެއް ބޭނުންވެގެން އުޅޭ ބޭފުޅަކު އެފަދަ ވާހަކަތަކެއް ރައްޔިތުންނަށް އޮޅުވާލަން ނޫންގޮތަކަށް ނުދައްކަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ރާޝިދު ވިދާޅުވީ މުޅި ރާއްޖެ އެކިއެކީގައި ތަރައްގީކުރަން ޖެހުމަކީ 5 އަހަރަކުން ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން ވެރިކަން ކުރެއްވި އެތައްބަޔަކު ވެރިކަމާއި ހިފާއިރުގައި، އެބޭފުޅުންގެ ވެރިކަމުގައި، އެބޭފުޅުން ރައްޔިތުންނަށް ކޮށްދިން ކަންތައްތަކުގެ ވާހަކަ އެބޭފުޅުން ފުރަތަމަ ދައްކަން ޖެހޭ ކަމަށެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ނުކޮށްދޭ ކަންތައްތަކުގެ ވާހަކައެއް ދައްކަން ނުޖެހޭ ކަމަށާއި، އެބޭފުޅުން ރައީސްކަމުގައި ނުވަތަ އާރާއި ބާރުގައި ތިއްބެވި އިރު ނުކޮށްދެއްވި ކަންތައްތަކުގެ ވާހަކަ މަޖިލީހުގައި ދައްކަންވީ ކަމަށް ރާޝިދު ވިދާޅުވިއެވެ.

"2018 ގެ ފަހުންތޯ ދިވެހި ގައުމު އުފެދުނީ. 2018 ގެ ފަހުންތޯ ދިވެހި ރައްޔިތުން ވޯޓެއް ލައިގެން ވެރިޔަކު މިގައުމަށް ހޮވީ. 2018 ގެ ފަހުންތޯ ރައްޔިތުންގެ މަޖިލިސް އުފެދުނީ. 2018 ގެ ފަހުންތޯ ދިވެހި ރައްޔިތުން ވޯޓެއް ލައިގެން ވެރިޔަކު ހޮވައިގެން އެ ވެރިޔަކު އަޅުގަނޑުމެންނަށް ހިދުމަތް ކުރުމަށް އައްޔަން ކުރެވުނީ. 2018 ގެ ފަހުންތޯ ދިވެހި ދައުލަތަށް ރުފިޔާ ލިބެންފެށީ. 2018ގެ ކުރިން މިއޮތް ހުރިހާ ދުވަހު ރަށްރަށުގައި މީހުން ނޫޅެނީތޯ. މިއަދު 5 އަހަރުގެ ވެރިކަމުގައި ދިވެހި ރައްޔިތުން ބޭނުންވެފައި ތިބި ކަންތަތައް ފުރިހަމަވަމުންދާތީ، މި މަޖިލީހުގައި ތިބި ބައެއް މެންބަރުންނާއި ވެރިކަމަށް ފެންބޮވައިގަނެފައި ތިބި ތެޅި ބާލާ ބޭފުޅުން ހަޖަމް ނުވެގެން ހިތުހުރި އެއްޗެއް ކިޔަމުންދަނީ." މެންބަރު ރާޝިދު ވިދާޅުވިއެވެ.

މެންބަރު ރާޝިދު ވިދާޅުވީ ވެރިކަން ބޭނުންވުމަކީ ކޮންމެފަދަ ދޮގު ބަހަނާ ވާހަކަތަކެއް ދައްކައިގެން މަކަރާ ހީލަތް ހެދުމެއް ނޫން ކަމަށެވެ. މިއަދު އޮޅުވައެއް ނުލެވޭނެ ކަމަށާއި، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކާއި ދަރަނި އަދާކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން ކަމަށް ރާޝިދު ވިދާޅުވިއެވެ.

އަދި މިއަދު ރައްޔިތުން އެތިބީ ވަރަށް ލޯބިން ރައީސް ޞާލިހާ އެކީގައި ކަމަށާއި، އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބު ބޮޑުތަނުން އެއްބުރުން، ރައީސް ޞާލިހް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް